2026 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ.
މިއީ މުރައިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ގުޅިގެން ބޭއްވި ހަފްލާއެކެވެ.
މުރައިދޫ ކައުންސިލުން ވަނީ މި ޙަފްލާ ކުރިއަށް ގެންދިއުމަށް އެ ކައުންސިލާއި، ޑަބްލިޔުޑީސީގެ މެމްބަރުންނާއި އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން 2026 ވަނަ އަހަރު މުރައިދޫ ސްކޫލްގެ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ސްޓަޑީ ކޭމްޕް ބޭއްވުމަށް ޑަބްލިޔުޑީސީން ފަރާތުން 10،000 ރުފިޔާގެ މާލީ އެހީތެރިކަން ވެސް ވަނީ ފޯރުކޮއްދީފައެވެ.
ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ސްޓަޑީ ކޭމްޕް ބޭއްވުމަށް ޑަބްލިޔުޑީސީން ފަރާތުން އެހީ ހަދިޔާ ކުރަނީ، ފޮޓޯ: މުރައިދޫ ޑަބްލިޔުޑީސީ
މުރައިދޫ ސްކޫލުން ވަނީ އިމްތިހާނަށް ތައްޔާރުވުމަށް ގިނަ ސްޓަޑީ ކޭމްޕްތަކެއް ވެސް ބާއްވާފައެވެ.
ރަށުގެ އިސްވެރިންގެ ފަރާތުން މި ފަދައިން ހިތްވަރުދެއްވުމަކީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. މިއީ ރަނގަޅު ނަތީޖާއެއް ޙާޞިލް ކުރުމުގެ ޢަޒުމް ވަރުގަދަވެ، އެކަމަށް ކުރާ މަސައްކަތް އިތުރުވާނެ ސަބަބަކަށް ވެދެއެވެ.
މުޖުތަމަޢާއި ކައުންސިލުން، ދަރިވަރުންގެ ކާމިޔާބީއަށް އުއްމީދުކޮށް، ގާތުން ބަލަމުންދާކަން އެ ކުދިންނަށް އިޙްސާސް ވާނެއެވެ. އަދި ދަރިވަރުންގެ މެދުގައި އެކުވެރިކަން ވަރުގަދަވެ، " އެގްޒާމް ސްޓްރެސް" ކުޑަކޮއްދޭ ބާރަކަށް މިކަން ވެގެން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!