މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިހާރު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި ހއ. ކެލަޔަށްފަހު ރޭ އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގެންފިއެވެ.

ވަޒީރުގެ މި ދަތުރުގައި ގެންދަވަނީ ވަޑައިގަންނަވާ ރަށްތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ޙާލަތު އޮޅުންފިލުއްވައި، އިތުރަށް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން އެ ކައުންސިލްތަކާ މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދަވަމުންނެނެވެ.

Ad
rt

މީގެ އިތުރުން މި ދަތުރުގައި ކުދި ރުކުމަޑި ( ކޮކޮނަޓް ބީޓްލް ) ކޮންޓްރޯލް ކުރުމަށްޓަކައި ޕެސްޓްސައިޑް ކައުންސިލްތަކަށް ގެންދަވަނީ ހަދިޔާ ކުރަށްވަމުންނެވެ.

ވަޒީރު އިއްޔެ ކެލަޔަށް ކުރެއްވި ޒިޔާރަތުގައި ދަނޑުވެރި މަންފާ ގްރާންޓާއި، ދަނޑުވެރި ނަފާ ލޯނު، ވަނީ އިފްތިތާޙް ކޮއްދެއްވާފައެވެ. މި ލޯނު އިފްތިތާހްކޮށްފައި ވަނީ ، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކުރުމަށްފަހުއެވެ. "ދަނޑުވެރި މަންފާ" އަކީ މިނިސްޓްރީއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ހިންގާ 15 މިލިއަން ރުފިޔާގެ ސްކީމެކެވެ. މި ސްކީމްގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި، އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

ވަޒީރު ކެލަޔަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ރަށުގެ ދަނޑުބިންތަކަށް ޒިޔާރަތް ކުރައްވައި، ދަނޑުވެރިންގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

ވަޒީރުގެ މި ދަތުރުގައި ފުރަތަމަ ވަޑައިގަތީ ހަނިމާދޫއަށެވެ. އެ ޒިޔާރަތުގައި . ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.

ވަޒީރު މިހާތަނަށް ވަނީ ކެލަޔާއި، އިހަވަންދޫގެ އިތުރުން ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް އަދި ހއ.ގެ ދަނޑުވެރިކަމަށް ޚާއްޞަރަށް މާފައްސަށް ވަޑައިގެންފައެވެ.