ށ. ނަރުދޫގައި ކުރިއަށް ގެންދިޔަ ދީނީ ޕްރޮގްރާމް ''މަންފާ ދަތުރަށް'' ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

ނަރުދޫ ކައުންސިލްގެ އޮފިޝަލް ''ތިލަދުން'' އަށް ވިދާޅުވީ، މި ޕްރޮގްރާމް ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން މި ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

މި ޕްރޮގްރާމް ނިންމާލުމަށްފަހު މަންފާ ޖަމިއްޔާއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ނަރުދޫ ކައުންސިލަށާއި، އެރަށުގެ ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މި މަހު 6 އިން 7 އަށް ނަރުދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކ ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަމްޒު ސްޕޯޓްސް އެކަޑެމީ އާއި ނަރުދޫ ކައުންސިލް އަދި މަންފާ އެކަޑެމީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އޯގަސްޓް 6 ވަނަ ދުވަހު ނަމާދު ސެޝަނަކާއި ބަންގި ސެޝަނެއް ކުރިއަށްގެންދިޔައިރު، އެރޭ ރޭގަނޑު އާންމު ދަރުހެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި އޯގަސްޓް 7 ވަނަ ދުވަހު ކޮފީ ވިތު ޔޫތު ކުރިއަށް ގެންގޮސްފައިވާއިރު، އެރޭ އަންހެނުން ބޭފުޅުންނަށް ހާއްސަ ދަރުހެއް ކުރިއަށް ގެންދިޔައެވެ.

މިގޮތުން އޯގަސްޓް 6 ވަނަ ދުވަހު ޢަޞްރު ނަމާދާއި މަޣްރިބް ނަމާދަށް ފަހު، އެ ރަށުގެ މަސްޖިދް އަލް އަންވާރްގައި ދަރުސް ދެއްވީ ޝެއިޚް އާދަމް ނިޝާން އެވެ. އޭގެ އިތުރުން ނަރުދޫ ސްކޫލްގެ ދަރިވަރުންނަށް ޢަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބަންގި ސެޝަން ނަންގަވައި ދެއްވާފައިވަނީ މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒެވެ.

ރައްޔިތުންގެ ދަރާއި، ހަމައެކަނި އަންހެން ބޭކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ދަރުސްވެސް ކުރިއަށް ގެންގޮސްދެއްވީ ޝެއިޚް އާދަމް ނިޝާން އެވެ.

ނަރުދޫގެ މަންފާ ދަތުރުގެ ހުރިހާ ޕްރޮގްރާމަކަށް ވެސް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ދީނީ ހޭލުންތެރި ކުރުމުގެ މި ފަދަ ޕްރޮގްރާމްތަކަކީ މުޖުތަމަޢަށް ނުހަނު ފައިދާ ކުރާނެ ކަންކަމެވެ. އެކި ޢުމުރުފުރާތަކަށް ޢަމާޒުކޮށްގެން ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ ސަބަބުން، މުސްތަޤްބަލްގެ ޖީލުތަކަށް ހެޔޮ، އެދެވޭ، ރަނގަޅު ބަދަލުތަކެއް އައިސް، ދީނަށް ލޯބި ކުރާ ޖީލެއް ބިނާކުރެވިދާނެ ކަމަށް ޤަބޫލު ކުރެވެއެވެ.