ދިވެހި ރާއްޖޭގެ މިނިވަންކަމުގެ މޭސްތިރިޔާ، އައްސުލްޠާން މުޙައްމަދު ތަކުރުފާނު އުޅުއްވި ބިނާއަށް ވަނުމަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ފަޚުރުވެރިކަމުގެ އިޙްސާސްތައް އުފެދޭނެ ކަމެއްކަން ގައިމެވެ. ގަނޑުވަރުގެ އެތެރޭގެ ހަމަހިމޭންކަމާއި، އެ ތަނުގެ މާތްކަން ހިތަށް ވަނުމުން ކުރެވޭނީ އިޙްތިރާމްގެ އިޙްސާސެކެވެ. ގަނޑުވަރުގެ އެތެރޭގެ ފަރުމާއާއި އަތްތެރި މަސައްކަތްތައް ބަލައިލުމުން އެތައް އަހަރެއް ކުރީގެ ދިވެހިންގެ ވައްޓަފާޅި ހިތަށް ތަޞައްވުރު ކުރެވޭނެއެވެ. އަދި ގަނޑުވަރުގެ އެތެރޭގެ އަޖައިބު ކުރަނިވި ކަންކަން ފެނުމުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށް ރޭވުންތައް އެބޭފުޅުން ރޭއްވެވިގޮތް ވަޒަން ކުރެވޭނެއެވެ.
އުތީމު ގަނޑުވަރު ބަލައިލަން ޒިޔާރަތްކުރާ މީހުން ނުހަނު ގިނައެވެ. ނަމަވެސް ގަނޑުވަރަށް ދިޔުމުގެ ކުރިން އެ ތަނުގައި ޢަމަލުކުރާ އުޞޫލުތައް އެނގުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި މެހެމާނުން ބަނދަރަށް ފޭބުމަށްފަހު، ގަނޑުވަރަށް ދާން ބޭނުންވާނަމަ އެނގެންޖެހޭ މުޙިއްމު މަޢުލޫމާތުތަކެއް ހުރެއެވެ.
އުތީމު ގަނޑުވަރު، ފޮޓޯ: ސާޖިން(ޒުވާން މަސްވެރިޔާ)
ޓިކެޓް އަގުތަކުގެ ތަފްސީލް
5 އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނަށް ހިލޭ ގަނޑުވަރަށް ވަދެވޭނެއެވެ.
5 އަހަރާއި 16 އަހަރާ ދެމެދުގެ ދިވެހިންގެ ޓިކެޓްގެ އަގަކީ 10ރ އެވެ.
5 އަހަރާއި 16 އަހަރާ ދެމެދުގެ ބިދޭސީންގެ ޓިކެޓްގެ އަގަކީ 20ރ އެވެ.
16 އަހަރުން މަތީގެ ދިވެހިންގެ ޓިކެޓްގެ އަގަކީ 20ރ އެވެ.
16 އަހަރުން މަތީގެ ބިދޭސީންގެ ޓިކެޓްގެ އަގަކީ 100ރ އެވެ.

ފައިސާ ދެއްކުމަށް ހަމަޖެހިފައި އޮންނަ އުޞޫލު
ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސްކޭން ނުވަތަ ކޭޝްކާޑު ބޭނުން ކޮއްގެން، މަރުކަޒުގެ އޮފީހުންނެވެ.
ޓުއަރ ނެގުން
މަރުކަޒުގެ އޮފީހުން ޓިކެޓް ބައްލަވައި ގަތުމަށްފަހު، ޓުއަރ ދެއްވާ ގައިޑު ހުއްދަ ދެއްވަންދެން ގަނޑުވަރުގެ ދޮރުމަތީގައި މަޑުކޮއްލަން ޖެހޭނެއެވެ. އަދި ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާ ވަގުތެއްނަމަ، ދޫކުރެވިފައިވާ ކިއު ނަންބަރުގެ ތަރުތީބުން އިންތިޒާރު ކުރަން ވާނެއެވެ.
ގަނޑުވަރަށް ވަނުމަށްފަހު، ޓުއަރ ފެށުމުގެ ކުރިން ، އަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މެޙެމާނުންނަށް ގައިޑުން ދެއްވާނެއެވެ. އެއަށްފަހު ދެއްވާ އިރުޝާދުތަކަށް ޢަމަލުކުރޭތޯ، ގައިޑުން ކަށަވަރުކުރާނެއެވެ.
ގައިޑުންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ކޮންމެ ބުރެއްގައި ވެސް އެންމެ ގިނަވެގެން ބައިވެރިކުރެވޭނީ 12 މީހުންނެވެ. ގަނޑުވަރުގައި ހުންނަ ތަންތަނާއި އެ ތަންތަނުގައި ހުންނަ އެއްޗެއްސާ ބެހޭ ގިނަ މައުލޫމާތުތަކެއް ޓުއަރ ނަގާ މީހުންނަށް ގައިޑުން ފޯރުކޮއްދެއެވެ.

ގަނޑުވަރުގެ އެތެރޭގައި ޢަމަލު ކުރެވޭ އުޞޫލުތައް
ގަނޑުވަރުގެ ގޯތިތެރޭގައްޔާއި އަށިގެ ހުންނަ ސަރަޙައްދުގައި ފޮޓޯ ނެގުމުގެ ހުއްދަ އޮވެއެވެ. އަދި ގައިޑުންގެ އިރުޝާދުތަކާއި ޓުއަރއަށް ބުރޫ ނާރާނެހެން ފޮޓޯ ނެގުމަށް ޚާއްޞަ ވަގުތު ކޮޅެއް ދެއެވެ. ގަނޑުވަރުގެ އެތެރޭގައި ހިމެނޭ ލަކުޑިން ބިނާކޮށްފައިވާ ދެ ޢިމާރާތް ކަމަށްވާ ބޮޑުގެކޮޅާއި މަރިޔާދުގެ އެތެރޭގައި ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ މަނާ ކަންކަމެވެ. މީގެ އިތުރުން މި ދެ ތަނުގައި ހުރި، އެއްވެސް ތާރީޚީ އެއްޗެއްގައި އަތްލުމަކީ މަނާކަމެކެވެ.
އުތީމު ގަނޑުވަރު، ފޮޓޯ: ސާޖިން(ޒުވާން މަސްވެރިޔާ)
ގަނޑުވަރަށް ކާތަކެތި ވެއްދުމާއި، ބޮޑެތި ދަބަސް ފަދަ ތަކެތި ވެއްދުމުގެ އިތުރުން ސިނގިރޭޓް ބުއިމާއި އަލިފާން ފަދަ ނުރައްކާތެރި ތަކެތި ވެއްދުމަކީ މަނާކަމެކެވެ. އަދި ގަނޑުވަރުގެ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުންވެދާނެ އެއްވެސް ކަމެއް ކުރުމަކީ ގަނޑުވަރުގެ ޤަވާޢިދާ ޚިލާފް ކަމެކެވެ.
ގަނޑުވަރު ތެރޭގައި ކުރުން މަނާ އެއްވެސް ކަމެއް ކުރާކަމަށް ފާހަގަވެއްޖެ ނަމަ އެ ކަމެއް ނުކުރުމަށް އެ ފަރާތަކަށް ނަަޞޭޙަތްތެރިވެދޭނެއެވެ. ނަމަވެސް އިޞްލާހުނުކުރާނަމަ ޓުއަރ މެދުކަނޑާލުމުގެ އިޙްތިޔާރު ގައިޑަށް އޮންނާނެއެވެ.

ހަމައެކަނި ފޮޓޯ ނަގަން ބޭނުން ވެގެން ގަނޑުވަރަށް ވަންނަން ބޭނުންވެއްޖެނަމަ ހަދާނީ ކިހިނެއް؟
ހަމައެކަނި ފޮޓޯ ނެގުމުގެ މަޤްޞަދުގައި ބައެއް ފަރާތްތަކުން ގަނޑުވަރަށް ޒިޔާރަތް ކުރަން ބޭނުންވެއެވެ. އެހެންކަމުން، އެ ގޮތަށް އެދިލެއްވުމުން އެ ފުރުޞަތު އެ ފަރާތަކަށް ދެއެވެ. ޒިޔާރަތްކުރައްވާ ބޭފުޅުން އިޙްތިޔާރުކުރަނީ ޓުއަރ ނުނަގާ ހަމައެކަނި ފޮޓޯނަގަން ކަމަށް ވާނަމަ ޓުއަރ ނުނަގާ، ހަމައެކަނި ފޮޓޯ ނެގުމަށް ފުރުޞަތު ދެއެވެ. ކޮންމެހެން ޓުއަރ ނެގުން މަޖުބޫރެއްނޫނެވެ.
އުތީމުގަނޑުވަރުގެ ދާންކޮޅަކާއި މަރަވަޅިކޮޅުތައް، ފޮޓޯ: މުހައްމަދު ރަޝްވާން
ގަނޑުވަރުގެ އަސްލު ނުގެއްލޭނެ ފަދަ ގޮތަކަށް ތަން ބެލެހެއްޓުން
އުތީމު ގަނޑުވަރަކީ އާސާރީ ތަނަކަށް ވެފައި ތަނުގެ އަސްލު ނުގެއްލޭނެ ފަދަ ގޮތަކަށް ތަން ބަލަހައްޓަންޖެހޭ ކަމަށް ޤަބޫލު ކުރެވެއެވެ. ގަނޑުވަރު ބިނާކޮށްފައިވާ ލަކުޑިއާއި އެހެނިހެން ތަކެތި ފަނިފަކުސާއިން ސަލާމަތްކޮށް، ފީވިޔަ ނުދީ ދެމެހެއްޓުމަށްޓަކައި ފަންނީ މަސައްކަތްތަކެއް ގަނޑުވަރު ބަލަހައްޓާ ފަރާތުން ކުރެއެވެ. އެ ގޮތުން އާބާތުރަ ފިލުވުމުގެ ގޮތުން ވަރުނިސް ކަހާ، ވަރުނިސް ލައެވެ. އަދި މީގެ އިތުރުން ފަނިފަކުސާއިން ސަލާމަތްކުރުމަށް ސޮލިގްނަމް ބޭނުންކުރެވެއެވެ. ގަނޑުވަރުގެ އާބާތުރަފިލުވުމުގައި، ސަޤާފަތާއި ތަރިކައިގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ތަނުގެ އާސާރީ އަގު ނުގެއްލޭނެ ގޮތަށް ޤަވާޢިދުން މަސައްކަތްތައް ބަލަހައްޓައެވެ.
އުތީމު ގަނޑުވަރު، ފޮޓޯ: އިބްރާހިމް ނިޝާމް
ޙާއްޞަ މުނާސަބުތަކުގައްޔާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރު ވެގެން ދާއިރު، މި އަހަރުގެ ޤައުމީ ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ތައްޔާރީތައް މިހާރު ވެސް ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!