އިޒްރޭލުގެ ޑިޕްލޮމޭޓުންނަށް އދ. ގެ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި ކަމަށް ތުހުމަތު ކުރެވޭ ޔުނިސެފްގެ އިސް މުވައްޒަފަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަމުންދާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.
އދ. ގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހަގް ހުކުރު ދުވަހު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފަކީ ޔުނިސެފްގެ ވޮޝިންޓަން އޮފީހުގެ އިސްވެރިޔާ ޔަހަވް ލިޗްނާ ކަމަށެވެ.
ފަރްހާން ހަގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިޗްނާ އާ ދެކޮޅަށް ކުރެވިފައިވާ "ސީރިއަސް ތުހުމަތުތަކާ" ގުޅިގެން ޔުނިސެފުން ފިޔަވަޅު އަޅަމުންދާ ކަމަށާއި، އޭނާ މިހާރު ހުރީ އެޑްމިނިސްޓްރޭޓިވް ލީވެއްގައި ކަމަށެވެ. ނަމަވެސް، އޭނާ ލީވްގައި ހުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި މި މައްސަލަ އދ. ގެ އޮފީސް އޮފް އިންޓާނަލް އޯވަސައިޓް ސާވިސަސް (OIOS) އިން ތަހުގީގު ކުރަމުންދާ ކަމެއް ހަގް ހާމައެއް ނުކުރައްވައެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން ހަގް އިތުރަށް ވިދާޅުވީ، "މި ތުހުމަތުތަކަކީ ތެދު ކަމަށް ސާބިތުވެއްޖެ ނަމަ، އެއީ އދ. ގެ ޗާޓަރާއި، މުވައްޒަފުންގެ ގަވާއިދުތަކާއި، ބައިނަލްއަގުވާމީ ސިވިލް ސާވިސްގެ މިންގަނޑުތަކާ މުޅިން ހިލާފު ކަމެއް" ކަމަށެވެ. އދ. ގެ މުވައްޒަފުންނަކީ ވަކި ގައުމެއްގެ މަސްލަހަތަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ މިނިވަންކަމާއި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަންޖެހޭ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ލިޗްނާގެ މައްޗަށް މި ތުހުމަތުތައް ކުރެވިފައިވަނީ އޭނާ އދ. ގެ ޕޮޕިއުލޭޝަން ފަންޑު (UNFPA) ގައި މަސައްކަތް ކުރި ދުވަސްވަރު، އެއީ 2014 އަދި 2015 ވަނަ އަހަރު، އދ. ގެ ސިއްރު ލިޔެކިޔުންތަކާއި އެތެރޭގެ މަޝްވަރާތައް އިޒްރޭލުގެ ޑިޕްލޮމޭޓުންނަށް ހިއްސާކުރި ކަމަށް ބުނެއެވެ. މި މައުލޫމާތުތައް ފަޅާއަރާފައިވަނީ އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުރި ކުރީގެ ސަފީރު ރޮން ޕްރޮސޯގެ އީމެއިލް އެކައުންޓް ހެކްކޮށް، އޭގެ ތަފްސީލުތައް އާންމުވުމާ ގުޅިގެންނެވެ.
މި އީމެއިލްތައް ހޯދާފައިވަނީ އީރާނުގެ ހެކިން ގްރޫޕެއް ކަމަށްވާ 'ހަންޑަލާ' އިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ލިޔެކިޔުންތައް ފަހުން އާންމުކޮށްފައިވަނީ 'ޑިސްޓްރިބިއުޓަޑް ޑިނައިލް އޮފް ސީކްރެޓްސް' ނަމަކަށް ކިޔާ ވިސުލްބްލޯވާ ވެބްސައިޓަކުންނެވެ. މި މައްސަލައިގައި ޔުނިސެފުން އިސްކޮށް ހަރަކާތްތެރިވަމުންދަނީ ލިޗްނާ އަކީ މިހާރު އެ އެޖެންސީގެ މުވައްޒަފަކަށް ވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!