ހުކުރު ދުވަހު (މާދަމާ) ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނެފައި ވަނީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯޕްރެޝަރ ޓަރަފްއެއް އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަކަމަށް މެޓުން ބުނެއެވެ.

Ad
rt

އެހެންވެ، ކުރިއަށް އޮތް ހުކުރު ދުވަހު، 31 ޖުލައި 2026 ގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

''ވީމާ، ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަަމަކުރުމަށާއި، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.'' މެޓްގެ މެސެޖުގައި ބުނެފަވެއެވެ.

މާދަމާ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކުރިއިރު މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މެޓުން ވަނީ މޫސުން ގޯސްވާނެތީ މިއަދު 16:00 އާއި ހަމައަށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލުގެ މޫސުމީ އިންޒާރު ނެރެފައެވެ. އަދި އެއަށްފަހު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މިރޭ 22:00 އާއި ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.