ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ''ކައުންސިލް ކަޕް 2026'' ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ފަރު ހޯދައިފިއެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމެވެ.
ހޯމަ ދުވަހު ކުޅުނު މި މުބާރާތުގެ ފައިނަލްގައި ޔުނެއިޓެޑް ފަރާއި ބައްދަލުކޮށްފައި ވަނީ ފްރެންޑްސް ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ ތަށި ޔުނައިޓެޑް ފަރު ހޯދީ 2-1ގެ ނަތީޖާ އަކުން ފްރެންޑް ބަލިކޮށްގެންނެވެ.
ނޮޅިވަރަންފަރު ''ކައުންސިލް ކަޕް 2026'' ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ފަރު، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
ހަމަހަމަކުޅުމެއް ފެނުނު މި ފައިނަލްގައި ޔުނައިޓެޑް ފަރުގެ ދެ ލަނޑުވެސް ޖަހައިދިނީ އެޓީމުގެ ޖޯޒީ 29 ޢަބުދުﷲ ވިސާމްއެވެ. މިގޮތުން މެޗުގެ ލީޑު ނެގި ލަނޑު ވިސާމް ޖަހައިދިނީ ޖޯޒީ ނަންބަރު 11 އުސައިދު ދިން ޕާހަކުންނެވެ. ޔުނައިޓެޑް ފަރަށް ލީޑް ފުޅާކޮށްދިން ވިސާމްގެ ދެވަނަ ލަނޑަކީ ފްރެންޑްސްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އަސްލަމް (މޯންޑޭ) ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ފުރަތަަމަ ހާފް ނިމުނީ 2-0 އިން ޔުނައިޓެޑް ފަރު ކުރީގައި އޮވެގެންނެވެ. ފަހު ހާފުފަށައި މާގިިނައިރެއް ނުވެ ފްރެންޑްގެ އިއްބެގެ ލަނޑަކުން ވަނީ މެޗުގެ ނަތީޖާގެ ފަރަގު 1-2 އަށް ކުޑަކޮށްފައެވެ. އެ ލަނޑަށްފަހު މެޗުގެ ފަހު ވަގުތާއި ހަމައަށް ފްރެންޑްސް އިން ހިތްވަރުކުރި ނަމަވެސް ޔުނައިޓެޑް ފަރުގެ ކޮޅަށް އިތުރު ލަނޑެއް ވައްދާލެވޭގޮތެއް ނުވިއެވެ.
ނޮޅިވަރަންފަރު ''ކައުންސިލް ކަޕް 2026'' ފުޓްސަލް މުބާރާތުގެ ނަރަނަޕް، ފްރެންޑްސް ސްޕޯޓްސް ކްލަބް، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ފަރަށް ދެ ލަނޑު ވެސް ޖަހައިދިން ޖޯޒީ 29 ޢަބުދުﷲ ވިސާމްއެވެ.
ފުޓްސަލް މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން
- ޖޯޒީ ނަންބަރު 10، އާދަމް ސައީދު، ޔުނައިޓެޑް ފަރު.
- ޖޯޒީ ނަންބަރު 12 އަލީ ހުސައިން (ދަގަނޑޭ) ޔުނައިޓެޑް ފަރު.
- ޖޯޒީ ނަންބަރު 99 އާދަމް ރިފާއު، ޔުނައިޓެޑް ފަރު.
- ޖޯޒީ ނަންބަރު 23 މުހައްމަދު ރިޔާޒް، ފްރެންޑްސް ސްޕޯޓްސް ކްލަބް.
- ޖޯޒީ ނަންބަރު 11 އިބްރާހިމް ނިހާދު، ފްރެންޑްސް ސްޕޯޓްސް ކްލަބް.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓެލެންޑް އެފްސީ ޖޯޒީ ނަންބަރު 19 އަހްމަދު ޔުއާން ބިން މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފްރެންޑްސް ސްޕޯޓްސް ކްލަބްގެ ކޯޗު ޢަބުދުﷲ ޝަފީޢު ހާސިމް އެވެ.
ރަން ބޫޓު ހޯދި ދަގަނޑޭ، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް ކަޕް
މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔުނެއިޓެޑް ފަރުގެ ޖޯޒީ ނަންބަރު 12 ޢަލީ ހުސައިންނެވެ. ޢަލީ ހުސައިން ވަނީ މުބާރާތުގައި 12 ގޯލް ޖަހައިދީފައެވެ.
މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައި ވަނީ ފިނޭ ފުޓްސަލް ޓީމެވެ.
ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އޮފް ޓޯނަމެންޓްގެ މަގާމު ހޯދީ ޔުނޭޓެޑް ފަރުގެ ޖޯޒީ ނަންބަރު 10 އާދަމް ސައީދެވެ.
މި މުބާރާތުގެ ރަނަރަޕް ޓީމް ފްރެންޑްސް ސްޕޯޓްސް ކްލަބަށް ފައިސާގެ އިނާމްގެ ގޮތުގައި 10،000 ރުފިޔާ އާއި، ޓްރޮފީ އަދި މެޑަލް ދީފައިވެއެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ނޮޅިވަރަންފަރު ޔުނެއިޓެޑަށް ޓްރޮފީ އާއި މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 20،000 ރުފިޔާ ދީފަވެއެވެ.
ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ''ކައުންސިލް ކަޕް 2026'' ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޯސަން ސްޕޯޓްސް ކްލަބެވެ. އެ ކްލަބުން ތަށި ދިފާޢުކޮށްފައިވާއިރު ރަނަރަޕަކީ ވީކޭޕީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!