މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ހޯމަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ.

ކަނޑުއޮތްގިރި ފިޝް ވިލެޖުގައި މިފްކޯއިން ގާއިމުކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓާއެކު އެ ރަށުގައި ހިކިމަސް އުފައްދާ ކާރުޚާނާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ދެ ވަސީލަތް ރަސްމީކޮށް ހުޅުވާފައިވަނީ 14 ޖުލައި 2026 ގައެވެ.

Ad
rt

މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނިގޮތުގައި ކަނޑުއޮތްގިރިން އައިސް ލިބެން ފެށުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް، އަދި ޚާއްޞަކޮށް ކަންނެލި މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން މަސްވެރިންނަށް އައިސް ހޯދުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހިފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމުގެ މައްސަލައެވެ. މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރު ހުރި 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ކަނޑުއޮތްގިރީގައި ހިކިމަސް ފެކްޓަރީއަކާއެކު އައިސް ޕްލާންޓުގެ ހިދުމަތް ފެށުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.