ށ. ނަރުދޫ ކައުންސިލްގެ 12 ވަނަ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގައި އަލަށް ވާދަކުރި "ކަމިން އަޕް" ޓީމުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ މަޝްހޫރު ކޯޗު ޢަލީ ޝުޒޭންއެވެ.

Ad
rt

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި ފައިނަލް މެޗުގައި ކަމިން އަޕް އިން ތަށި އުފުލާލީ އިއްތިހާދު އެފްސީއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކަމިން އަޕް މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ކަމިން އަޕުން ދެ ފަހަރު ލީޑު ނެގިއިރު، އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަޝްހޫރު ފުޓްސަލް ތަރި މުހައްމަދު އިސާމް (ޝަންޓޭ) އާއި ވިޝާން އާރިފް (ވިއްކޮ) އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކަމިން އަޕްގެ ޝަންޓޭ، ފޮޓޯ: ނަރުދޫ ކައުންސިލް

އިއްތިހާދު އެފްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ ހުސައިން ނަޒްމީ އާއި ހުސައިން ނިހާލް ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. މީގެ ތެރެއިން ނިހާލްގެ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކަމިން އަޕްގެ ޝަންޓޭއެވެ. އެންމެ މޮޅު ކޯޗަކަށް އެ ޓީމުގެ އަބްދުލް މުހައިމިން މޫސާ ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކީ އިއްތިހާދުގެ ހުސައިން ނަޒްމީ އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އާރްއެސްއޭ ނެކްސްޓް ޖެންގެ ހުސައިން މާހިލް އެވެ.

މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އިބްރާހިމް ސިނާހް، ހުސައިން ވިޔާމް، ހުސައިން ޝަމާލް، ހުސައިން ނިހާލް އަދި އަބްދުﷲ އާހިލްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ނަރުދޫ ކައުންސިލް

ޝަންޓޭގެ އިތުރުން މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ވިއްކޮ، ހުސައިން ވިޔާމް، އަހްމަދު ސާނީ އަދި މާހިލް ހިމެނެއެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ފެންނަ މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލެއިޓް ވުލްފް ޔުނައިޓެޑް، ބްލެކް ކޯނާ، އިއްތިހާދު އެފްސީ، ކަމިން އަޕް، ދަ ބެންޗް އަދި މުޅިން އަލަށް ވާދަކުރާ އާރްއެސްއޭ ނެކްސްޓް ޖެނެރޭޝަން އެވެ.

ނަރުދޫއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެ ރަށުގެ ކުޅިވަރުގެ ރޫހު އާލާކުރުމަށް ކޮންމެ އަހަރުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.