ވޯލްޑް ކަޕް ފައިނަލަށްފަހު އެއް ހަފުތާ ފާއިތުވެފައިވާއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މުބާރާތާ ބެހޭގޮތުން "ނަފުރަތާއި ދޮގު އަޑުތައް" ފަތުރަމުންދާ ކަމަށް ބުނެ ފާޑުކިޔުންތެރިންނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އިންފަންޓީނޯގެ އިންސްޓަގްރާމް އެކައުންޓާއި ފީފާގެ ވެބްސައިޓުގައި ޝާއިޢުކުރި 900 ލަފުޒުގެ ބަޔާނެއްގައި، އޭނާ ވަނީ ފީފާއިން ދުނިޔެއަށް އެންމެ ފުރިހަމަ ކުޅިވަރުގެ އީދެއް ގެނެސްދީފައިވާ ކަމަށް ވިދާޅުވެފައެވެ.
އިންފަންޓީނޯ ވިދާޅުވީ، ފާޑުކިޔުންތެރިން ނަފުރަތާއި ފާޑުކިޔުމުގެ ތެރޭގައި ތިބުމުގެ ސަބަބުން މުބާރާތުން ލިބުނު އުފާވެރިކަމާއި އެކުވެރިކަން އެމީހުންނަށް ގެއްލިފައިވާ ކަމަށެވެ.
"ތިޔަބައިމީހުން ނަފުރަތުގެ އޮށް އިންދަމުން ދިޔައިރު، މުޅި ދުނިޔޭގެ ސިޓީތައް އޮތީ ސަޕޯޓަރުންނާއެކު ފުރިބާރުވެފައި،" އޭނާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން މީޑިއާތަކުން ފާޑުކިޔަމުންދާއިރު، ފީފާއިން ދަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގެ މަގުތަކުގައި ސަޕޯޓަރުންނާ ބައްދަލުކޮށް ރައްކާތެރިކަން ކަށަވަރުކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދާރީ މައްސަލަތަކާއި ޓިކެޓުގެ އަގުތައް
މިފަހަރުގެ ވޯލްޑް ކަޕް ތެރޭގައި ފީފާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އޭގެ ތެރޭގައި އީރާން ޓީމުގެ އޮފިޝަލުންނާއި ސޯމާލިއާގެ ރެފްރީއަކަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމާއި، ޓިކެޓުގެ އަގުތައް އިންތިހާއަށް ބޮޑުވުން ހިމެނެއެވެ. ނަމަވެސް އިންފަންޓީނޯ ވިދާޅުވީ މަދު ބަޔަކަށް ވިސާ ނުލިބުނު ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުންނަށް ވިސާ ދޫކޮށްފައިވާ ކަމަށެވެ.
ބަލޯގަންގެ ރެޑް ކާޑު މައްސަލަ
އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރެޑް ކާޑާ ގުޅިގެން އޭނާ ސަސްޕެންޑް ނުކުރުމަށް ނިންމި ނިންމުމަށްވެސް އިންފަންޓީނޯ ވަނީ ދިފާޢުކުރައްވާފައެވެ. އޭނާ ވިދާޅުވީ ވަކި ހާލަތްތަކެއްގައި ކުޅުންތެރިން ބޭން ނުކުރުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. ފީފާއިން ބަލޯގަންގެ ރެޑް ކާޑު ބާތިލު ނުކުރި ނަމަވެސް، އޭނާގެ އެއް މެޗުގެ ސަސްޕެންޝަން ވަނީ ފަސްކޮށްދީފައެވެ.
ބަޔާން ނިންމާލައްވަމުން އިންފަންޓީނޯ ވަނީ ފާޑުކިޔުންތެރިންނަށް މެސެޖެއް ދެއްވާފައެވެ.
"އަހަރެމެންނަށް ނަފުރަތު ކުރުމުގައި ވަގުތާއި ހަކަތަ ހޭދަކުރާ މީހުން، ކުޑަ ވަގުތުކޮޅަކަށް ވިސްނާލާ، ނުވަތަ ފުޓްބޯޅަ މެޗެއް ބަލާލާ، އެއިން ފެންނަ އިހުސާސްތަކަށް ބަލާލުމަށް އެދެން،" އޭނާ ލިޔުއްވާފައިވެއެވެ.
އިންފަންޓީނޯގެ މި ބަޔާނަކީ އޭނާގެ ރައީސްކަމުގެ 11 ވަނަ އަހަރު، މީޑިއާއާ އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި އައި ބަޔާނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!