ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި ހިންގާ ބޮޑު ގަސް އިންދުމުގެ ހަރަކާތަށް އެކި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުން ގަސް ހަދިޔާކޮށްފިއެވެ.
ދިއްދޫ 'ކުރިމަގު ޖަމިއްޔާ' އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ވަނަ ދުވަހު އެރަށުގައި 7،000 ގަސް އިންދުމަށް ހިންގާ ބޮޑު ހަރަކާތެކެވެ..
މި މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ހއ. މޮޅަދޫ ކައުންސިލް، ހއ. މާރަންދޫ ކައުންސިލް އަދި އެރަށު ޑަބްލިޔުޑީސީ، ނޮޅިވަރަމް ޑަބްލިޔުޑީސީގެ އިތުރުން ހއ.ގައި އޮންނަ ދަނޑުވެރިކަމަށް ޚާއްޞަ ރަށް މާފަހިން ވަނީ ގިނަ އަދަދެއްގެ ގަސް ހަދިޔާކޮށްފައެވެ.
ނޮޅިވަރަމް ޑަބްލިޔުޑީސީން ވަނީ މި ހަރަކާތަށް 100 މޭވާ ގަސް ހަދިޔާކޮށްފައެވެ. އެ ކޮމިޓީން ބުނީ މިއީ މުޖުތަމަޢުގެ އެކުވެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން މޮޅަދޫ އާއި މާރަންދޫ އިން ވެސް ވަނީ ދިއްދޫ ފެހިކުރުމަށް ކުރާ މި މަސައްކަތުގައި ބައިވެރިވެ، ގަސް ހަދިޔާކޮށްފައެވެ.
މި ހަރަކާތާ ގުޅޭގޮތުން ކުރިމަގު ޖަމިއްޔާގެ ރައީސް ޢަބުދުﷲ މާހިރު ކުރިން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމަށް ހަމަޖެހިފައިވަނީ ދިއްދޫން އަލަށް ހިއްކާފައިވާ ބިމުގައި ކަމަށެވެ.
"އެތަނުގައި އިންދާ ގަސްތައް ބަލަހައްޓާނީ ކައުންސިލުން،" މާހިރު ވިދާޅުވިއެވެ. އޭނާ ވަނީ މި ހަރަކާތަށް އެކި ރަށްތަކުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ދިއްދޫގައި މި ބޮޑު ހަރަކާތް ކުރިއަށް ގެންދާނީ ކުރިމަގު ޖަމިއްޔާއާއި ދިއްދޫ ކައުންސިލާއި، އެރަށުގައި ހުންނަ މުއައްސަސާތަކާއި ރަށުގެ ޖަމާއަތްތައް ގުޅިގެންނެވެ.
ކުރިމަގު ޖަމިއްޔާއަކީ ތިމާވެށީގެ ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ނަމޫނާ ޖަމިއްޔާއެކެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 85 އިންސައްތަ ސްކޫލްތަކަށާއި އެކި މުއައްސަސާތަކަށް 85،000 އަށްވުރެ ގިނަ ބިއްލޫރި ފުޅި އެ ޖަމިއްޔާއިން ވަނީ ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!