މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތަކާއި ރޯޑް މާކިންގްގެ މަސައްކަތްތައް 100 އިންސައްތަ ނިންމާލެވިފައިވާކަމަށް މި މަޝްރޫޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އަދި 3 ގައި ހިމެނޭ ޕާކިންގް ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މި ސަރަހައްދުތަކުގައި ކުރަންޖެހޭ އެންމެ ފަހުގެ ފިނިޝިންގް މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

Ad
rt

މީގެ އިތުރުން، ޕާކިންގް ޒޯންތަކުގައި ރޮނގު ދެމުމާއި ބައްތި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި މަސައްކަތްތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ޖުމްލަ 5 ސެގްމެންޓެއްގެ މަސައްކަތެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ ޖުލައި 26ގެ ކުރިން މި ސެގްމެންޓް އެއްކޮށް ނިންމާލުމަށެވެ.

މި މަސައްކަތްތައް ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ މާލޭގެ މަގުތައް ތަރުތީބުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.