ސަރުކާރުގެ ވުޒާރާތަކުގެ ޕާނަމަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) އިންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ޕޭ ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެސްޖީންގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިވިލް ސާވިސް އިދާރާތަކުގެ ޕަރނަމަންޓް ސެކްރެޓަރީންނާއ،ި ޒިންމާދާރު އިސްވެރިންނާއ،ި ސެކްރެޓަރީ ޖެނެރަލުންނާއ،ި ވަގުތީ ސެކްރެޓަރީ ޖެނެރަލުން އަދި ޒިންމާދާރުވެރިންނަށް 21 ޖުލައި 2026 ގައި ފޮނުވާފައިވާ ސާކިއުލަރެއްގައި ބުނެފައި ވަނީ ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތަކަށ،ް 1 އޮގަސްޓު 2026 އިން ފެށިގެން ނޭޝަނަލް ޕޭ ކޮމިޝަނުން ބަދަލު ގެނެސްފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ޕޭ ކޮމިޝަނުން ގެނެސްފައިވާ ބަދަލުގެ ގޮތުގައި ބުނެފައި ވަނީ،

  • ޕަރމަނަންޓް ސެކްރެޓަރީންނަށް މަހަކު އަސާސީ މުސާރައިގެ ގޮތުގައި މަހަކު 23,935ރ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 23,065ރ، ޖުމްލަ 47،000ރ.
  • ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްގެ) މަހަކު އަސާސީ މުސާރައިގެ ގޮތުގައި މަހަކު 23,935ރ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 23,065ރ، ޖުމްލަ 47،000ރ.
  • ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްގެ - ރޭންކް 16) މަހަކު އަސާސީ މުސާރައިގެ ގޮތުގައި މަހަކު 18,880ރ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6620ރ، ޖުމްލަ 257،500ރ.
  • ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްގެ - ރޭންކް 16) މަހަކު އަސާސީ މުސާރައިގެ ގޮތުގައި މަހަކު 18,880ރ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6620ރ، ޖުމްލަ 25،500ރ.
  • ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްގެ - ރޭންކް 16، ރަށު ކައުންސިލްގެ ތަޖުރިބާ އަދި ޑިޕްލޮމާ) މަހަކު އަސާސީ މުސާރައިގެ ގޮތުގައި މަހަކު 10,000 ރ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 7000ރ، ޖުމްލަ 17،000ރ.

މިބަދަލާއި ހަމައަށް ޕަރމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ އެސްޖީންނަށް މަހަކު 53،000ރ، ރަށު ކައުންސިލްތަކުގެ ރޭންކް 16ގެ އެސްޖީންނަށް 35،000ރ އާއި ރަށު ކައުންސިލްގެ - ރޭންކް 16، ރަށު ކައުންސިލްގެ ތަޖުރިބާ އަދި ޑިޕްލޮމާގެ އެސްޖީންނަށް 32،000ރ ލިބެއެވެ.

މި ބަދަލާއެކު ކައުންސިލްތަކުގެ އެސްޖީންނަށް ސީއެސްސީ ހަދާފައިވާ ރަސްމީ ވަޓްސް އަޕް ގްރޫޕްގައި އެސްޖީން ވަނީ އުދާސްތައް ބަންޑުންކޮށްލާފައެވެ. ''ތިލަދުން'' އަށް ލިބިފައިވާ މި ގްރޫޕްގެ ބައެއް ސްކްރީންޝޮޓްތަކަށް ބަލާއިރު ސީއެސްސީގެ އެސްޖީ ޢަބުދުﷲ ސައީދު ވިދާޅުވެފައި ވަނީ އެސްޖީންގެ ހުރިހާ މެސެޖުތަކަށް ޖަވާބު ނުދެވޭނެކަމަށާއި އެކަމާ މަޢާފަށް އެދޭކަމަށެވެ. އަދި މުސާރައަށް ޕޭ ކޮމިޝަނުން ގެނައި ބަދަލަކީ ހަމައެކަނި ލޯކަލް ކައުންސިލްތަކުގެ އެސްޖީންނަށް ގެނައި ބަދަލެއްނޫންކަމަށް ވިދާޅުވެފަވެއެވެ.

''އެއީ ޕީއެސް އިންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ވަކިން ހިންގާ އިދާރާތަކުގެ އިސްވެރިންނަށް ވެސް ގެނައި ބަދަލެއް'' ސީއެސްސީގެ އެސްޖީ ވިދާޅުވެފަވެއެވެ.

އޭނާ ވަނީ މި ބަދަލުގެ ސަބަބުން އިދާރާތަކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށްވުރެ ވެރިންގެ މުސާރަ ކުޑަވެފައިހުރިކަން ފާހަގަކުރަށްވާފައެވެ. އަދި މުސާރައަށް މިފަދަ ބަދަލެއް އައުމުން ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރަށްވާކަމަށް ވެސް ވިދާޅުވެފަވެއެވެ.

މިކަމާއި ޚިޔާލުފާޅުކުރެއްވި އެސްޖީ އެއް ވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމުން އެސްޖީންގެ ޒިންމާ ބަދަލުނުވޭތޯ ސުވާލުކުރަށްވާފައެވެ. އަދި އެސްޖީންގެ މުސާރަ ކައުންސިލް އެގްޒެކްޓިވުންނަށްވުރެ ބޮޑުތަނުން ކުޑަވިއިރު އެސްޖީންގެ ޒިންމާތަކަށް ބަދަލު ނާދޭތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ މެމްބަރުން އެ ގްރޫޕަށް ވައްދައިދިނުމަށް އެއް އެސްޖީއަކު އެދިފައިވާއިރު، ދެން ކައުންސިލްތަކުގެ ހިންގުމުގެ ޒިންމާ ނަގަންޖެހޭނީ ޑައިރެކްޓަރ ކަމަށް އެހެން އެސްޖީއަކު ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ވަރަކަށް ދިރާސާނުކޮށް ނިންމާނިންމުންތަކުން ވަރަށް ބޮޑެތި ގެއްލުން ކުރިމަތިވާކަމަށް ވެސް ވިދާޅުވެފަވެއެވެ.

އެހެން އެސްޖީއަކު ލިޔުއްވާފައިވާގޮތުގައި އެއްވެސް އިޝާރާތެއް، ނޯޓިސްއެއް ދިނުމެއްނެތި މުސާރައާއި އިނާޔަތްތަކަށް މިފަދަ ބަދަލެއް ގެނައުމަކީ އެސްޖީންގެ ދިރިއުޅުމަށް ވެސް ނުހަނު އަސަރުކުރާނެ ކަމެކެވެ. އެހެންވެ ކަމާބެހޭ އިދާރާތަކުން އެ ނިންމުމާމެދު ފުންކޮށް ވިސްނައި އިންސާފުވެރި ރަނގަޅު ނިންމުމެއް ނިންމައިދޭން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

''ޕޭ ކޮމިޝަނުން ވިޔަސް އެހެން ކޮމިޝަނަކުން ވިޔަސް މިކަން މިގޮތަށް ކުރާއިރު އެއްވެސް ވަރަކަށް ފެކްޓް އަކަށް ނުބަލާދޯ، އެހެންވީމަ ދެން އެގްޒެކްޓިވުންނާއި އެސްޖީންގެ މުސާރަ ތަފާތުވާނެ'' އިތުރު އެސްޖީއަކު ލިޔުއްވާފަވެއެވެ.

އެހެން އެސްޖީއެއް ލިޔުއްވާފައިވާގޮތުގައި ''ހައްލަކީ މަގާމުތައް ދޫކޮށް ދިޔު''މެވެ.

''ރީތިކޮށް އެސްޖީންގެ މަގާމުތައް އުވާލާވާހަކަ ނުބުނެ، ކަމުނުދާ ބޭފުޅަކު ހުރިއްޔާ އަމިއްލައަށް ރިސައިން ލާފައި އަމިއްލައަށް ގެޔަށް ދާށޭ މި ބުނަނީ،'' އެއަށް ބާރުދެއްވާ އެހެން އެސްޖީއެއް ވިދާޅުވެފައި ވެއެވެ.

އެހެން އެސްޖީއަކު ވިދާޅުވީ، ވަރަށް ފަހުން ވެސް އެސްޖީންނާއެކު ކޮމިޝަނުން ދެ ބައްދަލުވުމެއް ބޭއްވި ކަމަށާއި، ނަމަވެސް މިފަދަ ބަދަލެއް އަތުވެދާނެކަމަށް ''ސުރުޚީ ވެސް އަޅައި ނުލާ'' ކަމަށެވެ. އެހެންވެ، ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް ނާންނާނެކަމަށް އެ އެސްޖީ ވިދާޅުވެފަވެއެވެ.