އާދީއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ތާރީޚީ މެޗަށް ލަމީން ނުކުތީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު މެޗަށެވެ. އެއީ އޭނާގެ ޅަ އުމުރުގައި ދުނިޔޭގެ ތަށި އުފުލާލަން ނުކުތް ޝަރަފްވެރި މެޗެވެ.
އެ މެޗު ކުޅެވެމުން ދިޔަ ވަގުތާއި މެޗަށްފަހު ޔަމާލްގެ ޢާއިލާ ދަނޑުން ވަނީ ފެނިފައެވެ. ނަމަވެސް އެތަނުން ޔަމާލްގެ ބައްޕައެއް ނުފެނެއެވެ. ދަރިފުޅުގެ މުހިންމު ވަގުތުގައި ކުރިން މިފަދަ ވަގުތުތަކުގައި ފެނުނު ބައްޕަ ކޮބައިތޯ އެއީ އެތައް ބައެއްގެ ހިތުގައި ސުވާލު ހިނގިކަމެކެވެ.
ސްޕެއިންގެ މި ތަރި ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އުމުރުން އެންމެ 19 އަހަރާއި ހަ ދުވަހުގައި، ލުއިސް ޑެލަ ފުއެންޓޭގެ ފުރަތަމަ އެގާރައިގައި ހިމެނި، ވޯލްޑް ކަޕް ފައިނަލެއްގައި ކުޅޭ ތާރީޚީ ތިންވަނަ އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޔަމީލް ވަނީ ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާ އާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.
ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި ޔަމާލް ނުކުތީ އޭނާ ނަމޫނާއަކަށް ބަލާ އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީއާ ދެކޮޅަށެވެ. ނަމަވެސް، ހިތާމައަކީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް އޭނާ ކުރި މި ހަނގުރާމަ ބަލާލުމަށް އޭނާގެ ބައްޕަ ދަނޑުގައި ނެތުމެވެ.
ޔަމާލް މާމަ އާއި ބައްޕަ އާއި އެކު
ޔަމާލްގެ ބައްޕަ، މުނީރު ނަސްރާވީ އަކީ އޭނާގެ ދަރިފުޅު ފުޓްބޯޅައިގެ އުސްމިންތަކަށް ވާސިލްވަމުންދިޔަ މަންޒަރު ގާތުން ދުށް މީހެކެވެ. އޭގެ ތެރޭގައި ބާލިންގައި ކުޅުނު ޔޫރޯ 2024 ގެ ފައިނަލްވެސް ހިމެނެއެވެ. އެ ފަހަރު އިނގިރޭސިވިލާތް 2-1 އިން ބަލިކޮށް ސްޕެއިން ތަށި އުފުލާލި އުފާފާޅުކުރުންތަކުގައި އޭނާ ދަނޑުމަތިން ފެނިގެންދިޔައެވެ.
ނަމަވެސް، ސިއްހީ ހާލަތު ހުރިގޮތުން މި އަހަރުގެ ވޯލްޑް ކަޕްގެ އެއްވެސް މެޗަކަށް ނަސްރާވީއަށް ނުދެވުނެވެ. ދަތުރުފަތުރު ކުރުމަކީ އޭނާގެ ސިއްހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، ފައިނަލް މެޗު އޭނާ ބެލީ ގޭގައި އިނދެގެންނެވެ.
"އަހަރެންނަކީ ފިޓު ޖެހޭ (އެޕިލެޕްސީ) ބަލި ހުންނަ މީހެއް. ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބޭސް ބޭނުންކުރަން ޖެހޭ. އަދި ކޮންމެ ވަގުތަކުވެސް ބަލީގެ އުނދަގޫވެ، ފިޓު ޖެހިދާނެ. ސްޓްރެސް ނުވަތަ ބޮޑު އިހުސާސެއްގެ ސަބަބުން ނޭނގި ހުއްޓާވެސް އެފަދަ ކަމެއް ދިމާވެދާނެ. އެހެންވެ، ކޮންމެ ކަމެއްގައިވެސް ވަރަށް ފަރުވާތެރިވާން ޖެހޭ." ދަރިފުޅު ކުޅޭތަން ބަލަން ނުދެވުނު ސަބަބާއި އޭނާގެ ހާލަތު ކިޔައިދެމުން ޔަމާލްގެ ބައްޕަ ''ދަ ގާޑިއަން'' އަށް ކިޔައިދީފަވެއެވެ.
ޔާމާލް ދުނިޔޭގެ ތަށި އުފުލާލަނީ، ފޮޓޯ: އޭޕީ
"ދަތުރު ކުރުމުގެ ކުރިން އަހަރެންނާއި، ދަރިފުޅާއި، އަދި އަހަރެމެންގެ ވަށައިގެން ތިބި އެންމެންނާމެދު ވިސްނަން ޖެހޭ. އަހަރެންގެ ސަބަބުން ކަމެއް ގޯސްވެ، އެހެން މީހުންނަށް އުނދަގުލެއް ވެދާނެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ގޭގައި ހުރެގެން މި ހުރިހާ މަންޒަރެއް ބަލާލުން." އިތުރަށް ތަފްސީލްކޮށްދެމުން އޭނާ ބުނެފަވެއެވެ.
2025 ވަނަ އަހަރުގެ ބެލޮންޑޯގެ ދެވަނަ ހޯދި ޔަމާލްގެ ބައްޕައަށް، ޔޫރޯ 2024 ގެ ކާމިޔާބީއަށްފަހު މަހެއްހާ ދުވަސް ފަހުން ޕާކިން ލޮޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލިއެވެ. އެ ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރިއިރު، މިއީ އުމުރުން އެންމެ 16 އަހަރުގައި ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދިޔަ ޔަމާލަށް ކުރިމަތިލާންޖެހުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދިޔަ މި މުބާރާތުގައި ޔަމާލްގެ އާއިލާގެ ބައެއް މެންބަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އޭނާގެ މަންމަ ޝީލާ އެބާނާ އާއި ތިން އަހަރުގެ ކޮއްކޮ ކޭން ހިމެނެއެވެ. ސްޕެއިން ފައިނަލާ ހަމައަށް ދަތުރުކުރިއިރު، އޭނާގެ ކޮއްކޮ ވަނީ ޓީމުގެ ނަސީބުވެރި ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ.
ޔަމާލް ކޮއްކޮ އުރާލާއިގެން
ޔަމާލްގެ ކާމިޔާބީގެ ފަހަތުގައި އޭނާގެ އާއިލާގެ ބުރަ މަސައްކަތްތަކެއް ވެއެވެ. އޭނާގެ މާމަ ފާތިމާ، މޮރޮކޯ އިން ބަހެއްގައި ދަތުރުކޮށް، ގިނަ ވަގުތު މަސައްކަތް ކުރީ ދަރިފުޅު މުނީރުގެ މުސްތަގުބަލަށްޓަކައެވެ. ޔަމާލްގެ އުމުރުން ތިން އަހަރުގައި އޭނާގެ މައިންބަފައިން ވަކިވި ނަމަވެސް، އޭނާގެ ފޯކަސް ފުޓްބޯޅައަށް ބަހައްޓައިގެން ކުރިއަށްދިޔައެވެ.
ކުޑައިރުއްސުރެ ޔަމާލްގެ ކެރިއަރުގައި އޭނާގެ ބައްޕަ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
"އަހަރެންގެ ބައްޕަ ޖެހުނީ މަގުމަތީގައި ބުރަ މަސައްކަތްކޮށްގެން ކާނާ ހޯދަން. އެއީ ހަގީގީ ޕްރެޝަރަކީ. އަހަރެން ކުރަންޖެހޭ ކަމަކީ ހަމައެކަނި ފުޓްބޯޅަ ކުޅެގެން ސްޕެއިންގެ ސަޕޯޓަރުން އުފާކޮށްދިނުން." ގައުމީ ޓީމަށް ކުޅުމުގައި އޮންނަ 'ޕްރެޝަރާ' ބެހޭގޮތުން ވާހަކަދައްކަމުން ޔަމާލް ބުނެފަވެއެވެ.
ޔަމާލް އާއި ބައްޕަ ވޯލްޑް ކަޕް ޓްރޮފީއާއިއެކު، ފޮޓޯ: ގެޓީ އިމޭޖު
ކޮއްކޮ ކޭން ބެލެހެއްޓުމުގައި ޔަމާލް ނަމޫނާ ނަގަނީ އޭނާގެ ބައްޕަގެ ކިބައިންނެވެ.
"އަހަރެންގެ ކުޑަ ކޮއްކޮއަކީ އަހަރެންގެ މުޅި ދިރިއުޅުން. އަހަރެން އޭނާދެކެ އިންތިހާއަށް ލޯބިވޭ. އޭނާ އިހުސާސްވަނީ އަހަރެންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި." ޔަމާލް ބުނެފަވެއެވެ.
ސެމީ ފައިނަލަށް ސްޕެއިން ދަތުރުކުރި މެޗަށްފަހު، ޔަމާލްގެ ކޮއްކޮ ކެމެރާއަށް ދައްކާލި 'ދޫ ނެރުމުގެ' ހަރަކާތަކީ ކުރިން ރާވައިގެން ކުރި ކަމެއް ކަމަށް ޔަމާލް ބުންޏެވެ.
"އަހަރެން ފިޒިއޯގައި ހުއްޓާ މަންމަގެ ފޯނުން ކޮއްކޮ ގުޅާފައި ބުނި މާދަމާ ދޫ ނެރޭނަމޭ. އެހެންވެ ސްކްރީނުން އެ މަންޒަރު ފެނުމުން ވަރަށް ހިނި އައި." ޔަމާލް ބުނެފަވެއެވެ.
ޔަމާލްގެ މޮޅު ކުޅުމާއެކު އޭނާގެ ފޭވަރިޓް ކުޅުންތެރިޔާ މެސީގެ ޓީމު ބަލިކޮށް ސްޕޭނުން ވަނީ ދުނިޔޭގެ ތަށި އުފުލާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!