އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޔޫރަޕްގައި ބިނާކުރި ތިމާވެއްޓާ ރައްޓެހި ފުރަތަމަ މިސްކިތް ކަމަށްވާ "ކޭމްބްރިޖް ސެންޓްރަލް މޮސްކް" އަށް ޒިޔާރަތްކުރައްވައި، އެ މިސްކިތުގެ ފަރުމާއަށާއި އެތަން ބިނާކުރުމުގައި ބަހައްޓާފައިވާ ފަރުވާތެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ކޭމްބްރިޖް ސެންޓްރަލް މޮސްކަށް ކުރެއްވި ޒިޔާރަތުގައި، ރަސްގެފާނަށް ވަނީ އެ މިސްކިތަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބިނާކޮށްފައިވާ ތަނެއްކަން ހާމަކޮށްދޭ މުހިންމު މައުލޫމާތުތައް އަރުވާފައެވެ. މި ޒިޔާރަތުގައި ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ކޭމްބްރިޖްގެ މިލް ރޯޑަށް ގިނަ އަދަދެއްގެ އާންމުން ޖަމާވިއެވެ. މިސްކިތުގެ އެތެރެއަށް ވެދެވަޑައިގަތުމުގެ ކުރިން ރަސްގެފާނު ވަނީ އެތަނުގައި ތިބި އިއްޒަތްތެރިންނާއި އަޅުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި މިސްކިތުގައި ގާއިމުކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުގެ ތެރޭގައި ހަކަތަ ސަލާމަތްކުރާ ހީޓް ޕަމްޕްތަކާއި، ސޯލާ ޕެނަލްތަކުގެ އިތުރުން، ފާހާނާ އިސްކުރުތަކުންނާއި ވާރޭގެ ފެން ނަގައިގެން އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހިމެނެއެވެ. އަދި މިސްކިތުގެ ފުރާޅުގައި ހަރުކޮށްފައިވާ ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުގެ އެހީގައި، މުޅި އަހަރު ދުވަހު މިސްކިތުގެ އެތެރެއަށް ގުދުރަތީ އަލި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ރަސްގެފާނު ޗާލްސް "ކޭމްބްރިޖް ސެންޓްރަލް މޮސްކް" އަށް ޒިޔާރަތްކުރެއްވުން ފޮޓޯ: ރޯޔަލް ފެމިލީ އެކްސް ޕޯސްޓް
ނަމާދުކުރާ ހޯލަށް ވެދެވަޑައިގަތުމުގެ ކުރިން ރަސްގެފާނު ވަނީ އާދަކާދައިގެ މަތިން ފައިވާންޕުޅު ބާލުއްވާފައެވެ. 1،000 މީހުންގެ ޖާގައިގެ މި މިސްކިތާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ރަސްގެފާނަށް މި ޒިޔާރަތުގައި ހަދިޔާކުރިއެވެ. މީގެ އިތުރުން، ކޭމްބްރިޖަށް ސިޓީއެއްގެ ދަރަޖަ ލިބުނުތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްގެފާނު ވަނީ ހަނދާނީ ބޯޑެއް އިފްތިތާހުކޮށްދެއްވާފައެވެ. ކޭމްބްރިޖަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ރަސްގެފާނުގެ ކާފާފުޅު ކިންގް ޖޯޖް 6 އެވެ.
މިސްކިތުގައި ތިބި މީހުންނާ މުހާތަބުކުރައްވައި ރަސްގެފާނު ވިދާޅުވީ، މިސްކިތުގެ ފަރުމާގެ ފުރިހަމަކަމާއި އެތަނަށް ދީފައިވާ ސަމާލުކަމުގެ ސަބަބުން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށެވެ.
In Cambridge today, The King visited Europe’s first Eco-Mosque. ♻️
Cambridge Central Mosque is notable for its architectural quality, environmental leadership and role as a place of worship and community engagement.
The sustainability-focussed mosque combines its design,… pic.twitter.com/bmYhF6a2Tp
— The Royal Family (@RoyalFamily) July 20, 2026
"މިއީ ހަމައެކަނި މުސްލިމް މުޖުތަމައަށް އެކަންޏެއް ނޫން، މުޅި ކޭމްބްރިޖަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި އެހެން ދީންތަކުގެ މީހުންނާ ގުޅިގެން ތިޔަ ކުރައްވާ މަސައްކަތުގައި އިތުރު ކާމިޔާބީއަށް އަޅުގަނޑު އެދެން،" ރަސްގެފާނު ވިދާޅުވިއެވެ.
މިސްކިތުގެ ޓްރަސްޓީއެއް ކަމަށްވާ ޒައިނަބް ކޮސްކުން ބުނި ގޮތުގައި، ރަސްގެފާނަށް މަރުހަބާ ދެންނެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. ރަސްގެފާނަކީ ވަރަށް އޯގާތެރި ބޭފުޅެއް ކަމަށާއި، އެންމެންނާ ވާހަކަދައްކަވައި ކޮންމެ މީހެއްގެ ދައުރަކީ ކޮބައިކަން އޮޅުންފިލުއްވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް އޭނާ ފާހަގަކުރިއެވެ.
މިސްކިތުގެ ޓްރަސްޓީއެއް ކަމަށްވާ ޒައިނަބް ކޮސްކުން، ފޮޓޯ: ބީބީސީ
މި ޒިޔާރަތަށްފަހު، ރަސްގެފާނު ވަނީ ކޭމްބްރިޖް ޔުނިވަރސިޓީގެ އައު "ވިޓްލް ލެބޯޓްރީ" ހުޅުވައިދެއްވާފައެވެ. 58 މިލިއަން ފައުންޑްގެ މި މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި ވައިގެ ދަތުރުފަތުރާއި ހަކަތަ އުފެއްދުމުގެ ދިރާސާތަކަށް ހާއްސަ މަރުކަޒެކެވެ.
ރަސްގެފާނު ވަނީ މީގެ ކުރިން 2020، 2022 އަދި 2023 ވަނަ އަހަރު ވެސް މި މަޝްރޫއާ ގުޅުންހުރި ޒިޔާރަތްތައް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!