އިނގިރޭސިވިލާތުގެ 59 ވަނަ ބޮޑުވަޒީރުގެ ގޮތުގައި އެންޑީ ބާންހަމް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފިއެވެ.
ބާންހަމް މި މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބަކިންހަމް ޕެލަސްގައި ބޭއްވުނު ސަގާފީ "ކިސިންގ އޮފް ހޭންޑްސް" ރަސްމިއްޔާތުގައި، ސަރުކާރެއް އެކުލަވާލުމަށް ރަސްގެފާނު ޗާލްސް ތިންވަނަ ދެއްވި ދައުވަތު ބާންހަމް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހަތްވަނަ ބޭފުޅާއެވެ. ބާންހަމްގެ ކުރިން މިދިޔަ ދިހަ އަހަރު ތެރޭގައި ޑޭވިޑް ކެމަރަން، ތެރީސާ މޭ، ބޮރިސް ޖޯންސަން، ލިޒް ޓްރަސް، ރިޝީ ސުނަކް އަދި ކިއަރ ސްޓާމަރ ވަނީ މި މަގާމު ފުރުއްވާފައެވެ.
ލޭބަރ ޕާޓީގެ އެތެރޭގެ ފިއްތުންތަކާއި މަގުބޫލުކަން ކުޑަވުމުގެ ސަބަބުން ސްޓާމަރ އިސްތިއުފާ ދެއްވުމުން، މޭކަރފީލްޑްގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި ހައުސް އޮފް ކޮމަންސްއަށް އެނބުރި ވަޑައިގެންނެވި ބާންހަމް، ލޭބަރ ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވީ އެއްވެސް ކުރިމަތިލުމަކާ ނުލައެވެ.
"ކިންގް އިން ދަ ނޯތު" ގެ ނަމުން މަޝްހޫރުވެފައިވާ ބާންހަމް މަގާމާ ހަވާލުވެވަޑައިގަތުމާއެކު ތާރީޚީ މުހިންމު ފާހަގައެއް ވެސް ވަނީ ޖެހިފައެވެ. އެއީ އޭނާއަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ކެތޮލިކް ބޭފުޅާއަށް ވުމެވެ. ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ދެއްވި ފުރަތަމަ ތަގުރީރުގައި ބާންހަމް ވިދާޅުވީ، އޭނާގެ ސަރުކާރު ވެގެންދާނީ އިނގިރޭސި ސިޔާސީ މަސްރަހަށް އަންނަ ބޮޑު ބަދަލަކަށް ކަމަށެވެ.
ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަމުގެ ތަޖުރިބާއަށް ބިނާކޮށް، ބާންހަމް ވަނީ ވެސްޓްމިންސްޓަރ މޮޑެލްއާ ދުރަށް ޖެހިލައި، އިގްތިސާދީ އަދި ސިޔާސީ ބާރުތައް ގައުމުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލުމަށް (ޑީސެންޓްރަލައިޒޭޝަން) ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށާއި، ގައުމު އާރާސްތުކުރުމުގެ 10 އަހަރުގެ ބޮޑު މަޝްރޫއެއް މިއަހަރު ފަހުކޮޅު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ބާންހަމް ވިދާޅުވީ، އާންމު ހިދުމަތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށާއި، ތައުލީމީ ނިޒާމާއި ޒުވާނުންނަށް އެހީތެރިވާ ނިޒާމުތައް އިސްލާހު ކުރައްވާނެ ކަމަށެވެ. އަދި މަގުމަތީގައި ނިދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސީދާ އިރުޝާދު ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޔޫކްރެއިނަށް ދޭ އެހީތެރިކަމާއި ބައިނަލްއަގުވާމީ ދިފާއީ ގުޅުންތަކުގައި އިނގިރޭސިވިލާތުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!