ހދ. ހޮނޑާފުށީ ރިސޯޓް ކައިރީ އެންދަމަން އޮތް ދޯންޏަކުން ކަނޑަށް ފުއްމާލި މީހަކު އެރަށު ގޮނޑުދޮށުގައި ލައްގާފައިއޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެ އިދާރާއިން ބުންޏެވެ.
ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރުއެވެ. އެމީހާ ފެނިފައި ވަނީ ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށެވެ.
އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާއިރު، ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒާއި ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ އެ މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށްފައެވެ.
އެމީހާ އަކީ ހދ. ހަނިމާދޫ ''ބަހުރު'' ދޯނީގައި މަސައްކަތް ކުރަމުން އަންނަ ހދ. ފިނޭ އަށް ނިސްބަތްވާ މީހެކެވެ.
މައުލޫމާތު އެނގޭ މީހަކު ''ތިލަދުން'' އަށް ބުނީ އެމީހާ ރޭ ކަނޑަށް ފުންމާލީ ގަސްދުގައި ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ކުރިން އޭނާ އުޅެނީ ޢާއިލީ މައްސަލައެއް ޖެހިގެންކަން ދޭހަވާގޮތަށް ވާހަކަދެއްކިކަމަށް އެމީހާ ބުންޏެވެ. ކަނޑަށް ފުންމާލި މީހާ އަކީ ހަނިމާދޫގައި މީހަކާ އިނދެގެން އުޅެމުން އައި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!