ހދ. ނޮޅިވަރަމް ކައުންސިލުން އިންތިޒާމްކުރާ ''މިނިވަން ވޮލީ މުބާރާތް 2026''ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ އާންމު ރައްޔިތުންނަށާއި، މުއައްސަސާތަކަށެވެ. ކޮންމެ މުއައްސަސާއަކަށް ވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ނޮޅިވަރަމް ކައުންސިލުން ވަނީ ދީފައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑި ޖުލައި 19 ވަނަ ދުވަހުގެ 12:30 އަށް ހަމަވާއިރު، މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންހެން އަދި ފިރިހެން މަދުވެގެން ތިން ޓީމު ބައިވެރިވެއްޖެ ނަމައެވެ.

މި މުބާރާތުގެ އަންހެން އަދި ފިރިހެން ބައިން ވެސް ޗެމްޕިއަން ޓީމަށް 1500 ރުފިޔާ ރަނަރަޕް ޓީމަށް 1000 ރުފިޔާ އަދި ތިން ވަނަ ޓީމަށް 700 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކަނޑައަޅާ އުސޫލުގެ ތެރެއިންކަމަށް ނޮޅިވަރަމް ކައުންސިލުން ވަނީ ބުނެފައެވެ.

ނޮޅިވަރަމަކީ ޚާއްޞަކޮށް ވޮލީގައި ހދ. އަތޮޅުގައާއި ސަރަހައްދުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެރަށަކީ ފުޓްބޯޅަ އާއި ބެޑްމިންޓަންގައި ވެސް ފާހަގަކޮށްލެވޭ ރަށެކެވެ.