ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، ޠާހިރު މުޙައްމަދު (50އ) އެވެ.

Ad
rt

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:32 ހާއިރުއެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އޭނާ ހުރީ ބައެއް ކޭބަލްތައް ބުރިކޮށް، އެ ނަރުތައް ގޯންޏަކަށް އަޅައިގެންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެ ކޭބަލްތަކާ އެކުގައެވެ.

ޠާހިރު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.