މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ނިންމާލައި، މަޝްރޫޢުގެ ބޮޑު ކުރިއެރުމެއް ހޯދައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ މަގުގެ ސަބް-ބޭސް މަސައްކަތްތަކާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް 100 އިންސައްތަ ނިންމާލާފައެވެ.

Ad
rt

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ޖުމްލަ 5 ސެގްމެންޓެއްގެ މަސައްކަތެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ސެގްމެންޓު 4 އަދި 5 (ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް) ވަނީ ތާރު އަޅާ މުޅިން ނިންމާލާފައެވެ. މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.

މީގެ އިތުރުން ސެގްމެންޓު 2 އަދި 3 ގެ ސަބް-ބޭސް އަދި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ސެގްމެންޓު 2 އަދި 3 ގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މަގުގެ ބާކީ އޮތް ބައިގައި ތާރު އަޅާ އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހަށެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރުވެސް ޕާކިންގ ޒޯން ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ސެގްމެންޓު 2 އަދި 3 ގެ ދުވާރުގައި ގާ އެޅުމާއި ކޭބަލް ޓްރެންޗް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މަޝްރޫޢު ނިމުމުން ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.