ހދ. ހަނިމާދޫ ކުރީގެ ބަނދަރުގެ އެއްގަމު ތޮއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ ބަނދަރުގެ މައްސަލައަކީ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ފާހަގަވުމާއެކު، މިނިސްޓްރީގެ ޓީމެއް އެ ރަށަށް ފޮނުވައިގެން ސަރވޭގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad
rt

"އެ މަސައްކަތް ވީހާވެސް އަވަހަކަށް އެމްޓީސީސީއާ ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑު އެބަ ކުރަން. އެއީ ކޮންމެހެންވެސް އަވަހަށް ހަދަންޖެހޭ ބަނދަރެއް،" މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ރަށްތަކުގެ މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގިނަ ރަށްތަކެއްގެ މަސައްކަތް މެދުކެނޑިފައިވަނީ މަޝްރޫޢުތަކަށް ބޭނުންވާ ހިލަ ލިބުމުގައި ދިމާވެފައިވާ ދަތިތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް، މި ހިނގާ މަހުން ފެށިގެން ހިލަ ގެނައުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިލަ ލިބުނުހާ އަވަހަކަށް މިހާރު ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް ބާރު މިނުގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށެވެ. ހަނިމާދޫ ބަނދަރުގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށް ވާތީ، މި މަސައްކަތަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.