ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމަށްފަހު ކުރިއަށްގެންދާ ޝޯ ޕްރޮޓެކްޝަން މަސައްކަތުގެ ތެރެއިން އުފެދޭ ވައިބްރޭޝަންގެ ސަބަބުން ރަށުގެ ބައެއް ގެތަކަށް ގެއްލުންވާކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަން ބެލުމަށްޓަކައި އެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލައިފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށް މިހާރު ކުރެވެމުންދާ ކަންކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކާ ނިމިފައިވީ ނަމަވެސް ޝޯ ޕްރޮޓެކްޝަން މަސައްކަތް ނުކުރެވި ލަސްވެފައި އޮތުމަށްފަހު، މިހާރު ކޮންޓްރެކްޓަރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަމަވެސް، މަސައްކަތުގެ ތެރެއިން އުފެދޭ ވައިބްރޭޝަނާ ހެދި ގެތަކަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބުމާ ގުޅިގެން އެސެސްމެންޓެއް ހެދުމަށްޓަކައި މަސައްކަތް މިވަގުތު މަޑުޖައްސާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ކަންތައް އެސެސްމެންޓަކާ އެއްކޮށް އެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް، ވީހާވެސް އަވަހަކަށް ފަށައިގެން ކުރިއަށް ގެންދެވޭތޯ އެބަ ބަލަން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެމްޓީސީސީން މިހާރު ވަނީ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ވެސް ފަށާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް އެއާޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!