ކުޅުދުއްފުށީ ސިޓީގެ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަން ހިންގާފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސީބު އާދަމް 5 ދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޮޑިހަރުގެއާއި ގުދަނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާ، ކަރަންޓު ކީސް، ކަޓްއޮފް، ޓޫލް ބޮކްސްތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ކަރަންޓު ނަރުތަކާއި އެހެނިހެން ކަރަންޓު ސާމާނު ހިމެނެއެވެ. ފުލުހުން ލަފާކުރާ ގޮތުގައި މި ތަކެތީގެ ޖުމްލަ އަގު 80،000 ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ފުލުހުން ލަފާކުރެއެވެ.
ފުލުހުން ކުރި މަސައްކަތުން މިހާރު މި ހުރިހާ ތަކެތި ހޯދާފައިވާއިރު، އެ ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!