މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރިއަށް އަޑިއަށްދަނިކޮށް، އޭގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ވ. ފެލިދޫ ހުޅަނގު ކަނޑަށް މި ބޯޓު އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 09 ވަނަ ދުވަހުގެ ހަވީރު 15:26 އެހާކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ.

Ad
d

މި ހާދިސާގައި ބޯޓުން ދަތުރުކުރި 7 މީހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ ވ. ފެލިދޫއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި 4 ބިދޭސީ ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި އެންމެންގެ ހާލުވެސް ރަނގަޅެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އަޑިއަށްދިޔަ ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފައިވަނީ، ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށްދިޔަ މި ބޯޓުން ބައެއް ތަކެތި އޮޔާދާ ކަމަށެވެ. މި ތަކެތި އޮޔާދާނީ އިރުމައްޗަށް ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚާއްޞަކޮށް ރޭގަނޑު ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އަންގާފައެވެ.

Ad
df

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.