ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕް، ސާޖިކަލް އައުޓްރީޗް ޕްރޮގްރާމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ކޭއާރުއެޗް އާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އަދި ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ފާއިޒް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. އުބައިދު އަދި ޑރ. ވަހީދު ވަނީ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދެއްވައި، ޒިޔާރަތްކުރާ ތަޖުރިބާކާރު ޑޮކްޓަރުންނާއި މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭނެ ސާޖިކަލް ހިދުމަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ކޭއާރުއެޗުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕް އިފްތިތާހް ކުރުމުގައި ޑޮކްޓަރުން ބައިވެރިވަނީ، ފޮޓޯ: ކޭއާރުއެޗު

މި ޖުލައި މަހުގެ 9 އިން 11 އަށް ކުރިއަށްދާ މި ކޭމްޕުގައި ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ޓީމަކުން ބަލިމީހުން ބަލައި ކޮންސަލްޓޭޝަން ދިނުމުގެ އިތުރުން، އޮޕަރޭޝަން ކުރަންޖެހޭ މީހުންނަށް ބޭނުންވާ ސާޖިކަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ސިއްހީ ދާއިރާގެ ތަޖުރިބާ ހިއްސާކުރުމަށާއި އާންމުންނަށް ބޭނުންވާ މުހިންމު ފަރުވާތައް ފޯރުކޮށްދިނުމަށް ހުޅުވިގެންދިޔަ ފުރުސަތެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ޢަބުދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ ޢަލީ، ޑރ. އައިމިނަތު އަސްމާ، ޑރ. މުހައްމަދު ސިފާން، ޑރ. މުހައްމަދު ވަހީދު، ޑރ. އިބްރާހިމް އާދިލް، ޑރ. އާމިނަތު ނުސްރާ، ޑރ. ޖުމައިލޭ ބޭގަމް، ޑރ. އަބުދުﷲ އަދްސަރު އަދި ޑރ. މުބައްޝިރު ޢަލީ އެވެ.

މިފަދަ މާނަހުރި އިސްނެގުމެއްގެ ސަބަބުން މުޖުތަމައަށް ދާއިމީ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވޭއިރު، މި މަސައްކަތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ކެއާރުއެޗުގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.