ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މާލޭގެ "ޔޫތު ހަބް" ގައެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ.
މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް" ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފައެވެ.
މިތަކެތި ހަވާލުކުރެއްވުމަށްފަހު ސަފީރު ކޮންގް ޝިއަންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި މިނިސްޓަރު ޢަބްދުﷲ ރާފިޢުއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
''މިއަދު ހަދިޔާކުރެވުނު ކުޅިވަރު ސާމާނުތަކުގެ ސަބަބުން، ޒުވާނުންނަށް އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އިތުރު ފުރުސަތުތަކެއް ފަހިވެ، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރަން، އަދި މިއީ ދިވެހި ކުޅިވަރުގެ ކުރިމަގު އުޖާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ދެކެން'' ސަފީރު ވިދާޅުވިއެވެ.
ކުޅިވަރާއި، ޒުވާނުންގެ ތަރައްޤީ އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ހިމެނޭހެން، ހުރިހާ ދާއިރާއަކުން ރާއްޖެއާއެކު އޮންނަ ޢަމަލީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގައި ޗައިނާ އަބަދުވެސް ދެމިއޮންނާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެމިއޮތް ގާތް އެކުވެރިކަމާއި، "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ވަރުގަދަކުރުމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވެފަވެއެވެ.
ޗައިނާ ސަރުކާރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މީގެ ކުރިންވެސް އެކި ފަހަރުމަތިން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ގައުމެކެވެ. މިފަހަރުގެ އެހީއަކީވެސް ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!