ހއ.ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެދެވޭ ތަރުޙީބެއް ނުލިބުމުން މޮޑިއުލް ބަދަލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
d

މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވާގޮތުގައި ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމަށް ތިން ފަހަރެއްގެ މަތިން ވަނީ ބީލަމަށް ހުޅުވާލާފައެވެ. ނަމަވެސް އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނެތްކަމަށް މިނިސްޓަރު ވިދާޅުވެފަވެއެވެ.

އެހެންވެ އައު މޮޑިއުލެއްގެ ދަށުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަލުން ބީލަމަށް ހުޅުވާލައްވާނެކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

''ކެލާ ފަޅު ތެރޭގެ ތި ދެންނެވި އެ ޕްރޮޖެކްޓް އަޅުގަނޑުމެން މިހާރު 3 ފަހަރަށް އިޢުލާން ކޮށްފިން އިނގޭތޯ، އެކަމަކު މި އިންޓްރަސްޓެޑް އެޕްލިކޭޝަނެއް ނުލިބޭތީ މިހާތަނަށް ކުރިއަށް ގޮސްފައިނެތީ، އިރާދަކުރެއްވިއްޔާ އެ މޮޑިއުލް ކޮންމެވެސް ވަރަކަށް، މޮޑިއުލް ކޮންމެވެސް ވަރަކަށް ބަދަލުކޮށްގެން ނަމަވެސް އަޅުގަނޑުމެން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިޢުލާން ކުރާނަން އިނގޭތޯ.'' މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފުރަތަމަ އިއުލާން ކުރީ 1 އޭޕްރިލް 2025 ގައެވެ. އެއިގެ ދެ ފަހުން ދެ ފަހަރެއްގެ މަތީން ޢިއުލާންކޮށްފައިވާއިރު، ފަހުން ޢިއުލާންކޮށްފައި ވަނީ ބޮޑެތި ލުއިތަކާއެކުގައިކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ހއ.ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސްގެ ގަރާރަކުން ނިންމަވާފައިވަނީ މި އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ.

ކެލާ ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިވެރިކަމުގެ މަޝްރޫއެއް ހިންގަވާނެކަމުގައި ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ހާލު ބެލުމަށް އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި 26 ފެބްރުއަރީ 2024 ގައި ކެލަޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
df

މި ދެ ރިސޯޓް ތަރައްގީ ކުރުމަށް ކެލާގެ ފަޅުތެރެއިން ހިއްކަން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ވަނީ ނިންމާފައެވެ.