ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއްކަން މިއަދުގެ ހުކުރު ހުޠުބާގައި ހަނދާންކޮށްދީފިއެވެ.
''ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން'' މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ހުތުބާގައި ބުނެފައިވަނީ، މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށެވެ.
ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރިޝްވަތުދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލުﷲ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މަސްއޫލިއްޔަތެއް ހަވާލުވެފައިވާ މީހަކު ނަމަވެސް، ތިނޯހެއްގެ މިންވަރު ވިޔަސް ވަންހަނާކޮށްފި ނަމަ އެއީ ޚިޔާނާތެއް ކަމަށާއި، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެ މީހަކު އަންނާނެ ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން، ރިޝްވަތުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން ޢާންމުވެ، ގައުމުގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް އެޅޭކަން ފާހަގަކުރިއެވެ.
"އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ!" މިފަދައިން މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނަ ހުތުބާގައި ބަޔާންކޮށްދިނެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ، ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށެވެ. އަދި މުއްސަނދިކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، ހަގީގީ މުއްސަނދިކަމަކީ ނަފުސުގެ ފުދުންތެރިކަން ކަމަށް ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅު ހުތުބާގައި ފާހަގަކުރިއެވެ.
ނިންމާލަމުން ހުތުބާގައި ބުނީ، އަމާނާތްތެރިކަމަކީ މުއުމިނުންގެ އަސާސީ ސިފައެއް ކަމަށާއި، ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ޢަލާމާތެއް ކަމަށެވެ. އެހެންކަމުން، ނަހަމަ މަންފާއާ ދުރުހެލިވެ، ޒިންމާދާރުކަމާ އެކު ޙައްޤުތައް އަދާކުރުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!