މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި އެކްސްޕޯ އަކީ އެމް.އެމް.އޭ އިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މިއީ ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރައްވާ މުހިއްމު ހުރިހާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ ހިންގާ ވަރަށް މުހިންމު ޙަރަކާތެކެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށްދަނީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުންނެވެ.
މި އެކްސްޕޯގައި ރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވެއެވެ. މި އިވެންޓުގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ޚިދުމަތާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެކްސްޕޯ ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!