ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެމް-ފައިސާގެ ޚިދުމަތްތައް އެކްސްޕޯގައި ދައްކާލުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ 2026 ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ.
މި އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދާދިފަހުން ތަޢާރަފުކުރި އެމް-ފައިސާއާ ޕޭޕަލް (PayPal) ގުޅާލުމުގެ ޚިދުމަތެވެ. މި ޚިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރުގެ ފައިސާ، ސީދާ އެމް-ފައިސާ ވޮލެޓަށް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މި އީޖާދީ ބަދަލަކީ ރާއްޖޭގެ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެކެވެ. އެކްސްޕޯގެ އުރީދޫ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މި ޚިދުމަތް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެކްސްޕޯގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޕެނަލް މަޝްވަރާއެއްގައި އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަޙްމަދު ނޫމާން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަޤްބަލާ ބެހޭގޮތުން ބާއްވާ މި މަޝްވަރާގައި، ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ ސަބަބުން މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުވަމުންދާ ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާ ޙިއްޞާކުރައްވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އާންމުންނަށް ދައުވަތު އަރުވާފައެވެ. މިއީ އެމް-ފައިސާގެ ޚިދުމަތްތަކާއި، އުރީދޫގެ ޑިޖިޓަލް މާލީ ނިޒާމުގެ އެހީގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިއެރުން ހޯދިދާނެ ގޮތްތައް ދެނެގަތުމަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!