ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ޙަވާލުކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްގެންދާ 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން، އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރައްވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
އިސް ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުންދު ވިދާޅުވީ ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ފިޔަވައި އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވި، ޑިޒައިންގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ މެދުވެރިކޮށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އަޅާ ފްލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި އާންމުންނަށް ދޫކުރަން ފަށާނެ ކަމަށް ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 3،260 ފްލެޓުގެ މަސައްކަތް ފަސް ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، ޗައިނާގެ ސީއެމްއީސީން 1,224 ފްލެޓު އަދި ބީޔޫސީޖީން 1,190 ފްލެޓު ހުޅުމާލެ ފޭސް 3 ގައި އިމާރާތް ކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަނުން 364 ފްލެޓާއި އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން 182 ފްލެޓު ހުޅުމާލެ ފޭސް 1 ގައި އަޅާއިރު، އާރުސީސީން 300 ފްލެޓު އިމާރާތް ކުރާނީ ވިލިމާލޭގައެވެ.
މި ފްލެޓުތަކަކީ އެމްއެމްއޭގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބްލް ހައުސިން (އައިއެންއޭއެޗް) ގެ ދަށުން، ލީސް-ޓު-އޯން ނުވަތަ ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ. މިދިޔަ މާރިޗް މަހު ބޭންކުގެ ސީއީއޯ ވިދާޅުވެފައިވާ ގޮތުގައި މި ފްލެޓުތަކުގެ މަހު ކުލި އުޅޭނީ ގާތްގަނޑަކަށް 10,000 ރުފިޔާގައެވެ.
މި މަޝްރޫޢަކީ ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކު، ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!