ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ތަފްސީލީ ލިސްޓު ހަނިމާދޫ ކައުންސިލުން އިއްޔެ އާންމުކޮށްފިއެވެ.
ހިރިމަރަދޫ ކައުންސިލް 17 މޭ 2026 ގައި އުވާލުމާ ގުޅިގެން، އެ ރަށުގެ އިދާރީ މަސައްކަތްތައް މިހާރު ބަލަހައްޓަމުން ގެންދަނީ ހަނިމާދޫ ކައުންސިލުންނެވެ. ހިރިމަރަދޫގެ ކުރީގެ ކައުންސިލް އިދާރާ މިހާރު ހިންގަމުން އަންނަނީ ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހެއްގެ ގޮތުގައެވެ.
ހަނިމާދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނެނީ ހިރިމަރަދޫ އިން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ އަމިއްލަ ގޯތިތަކާއި ބިންތަކުގެ މައުލޫމާތެވެ. ނަމަވެސް، މި ލިސްޓުގައި ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތައް ހިންގުމަށް ހާއްސަކޮށްފައިވާ ބިންތައް ނުހިމެނޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މި ލިސްޓްގައިވާގޮތުން ހިރިމަރަދޫން ވަނީ 184 ގޯއްޗާއި ބިން ދޫކޮށްފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި، "އާންމުކޮށްފައިވާ ލިސްޓުގައި ހައިލައިޓް ކުރެވިފައިވާ ގޯތިތަކަކީ މިހާތަނަށް ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައިނުވާ ގޯތިތައް" ކަމަށެވެ.
ހދ. އަތޮޅުގައި އާބާދީގޮތުން އެންމެ ބައިމަދު ރަށް، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ އެރަށު މީހުންގެ އެދުމުގެ މަތިންނެވެ. އެރަށު މީހުން ބަދަލުކުރުމަށް ހަނިމާދޫން ބިން ކަނޑައަޅާފައިވާއިރު، އެ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރަން ހަވާލުކޮށްފައި ވަނީ އެޗްޑީސީ އާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!