ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ބާއްވާ ފުރަތަމަ ބަށި މުބާރާތް އަންނަ ޖުލައި މަހު ފެށުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މި ބަށި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ބަނީ އެ ރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުޅިގެންނެވެ.

Ad
rt

މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 08 ޖުލައި 2026 ގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުކުރު ދުވަހު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ފިއްލަދޫގެ މުއައްސަސާތަކަށާއި، ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 12 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން 2 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފިއްލަދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފިއްލަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް އެ ކޮމިޓީން މަޢުލޫމާތު ދެއެވެ.

މިއީ ރަށުގެ އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.