ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ރަށު ކައުންސިލުން ދައުވަތު ދީފައިވާތީ، އެކަމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހިރިމަރަދޫ ކައުންސިލް އުވާލައި، އެ ކައުންސިލްގެ ޒިންމާތަކާ މިވަގުތު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ރަސްމީ ދައުވަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ.

Ad
rt

ނަން ނޯޓުކުރަން ބޭނުންވާ ފަރާތްތަކުން ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާއަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެއެވެ. މީގެ އިތުރުން، ކައުންސިލްގެ އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު ނަންބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން އެ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 24 އޯގަސްޓް 2025ގައި ހިރިމަރަދޫގައި ޢިއުލާން ކުރަށްވާފައެވެ. މިކަން ކުރިއަށް ގެންދިއުމަށްޓަކައި، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެދުވަހު އެއްބަސްވުމުގައި ވަނީ ސޮއި ވެސް ކޮށްފައެވެ.

އެއަށްފަހު ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް 8 ޖެނުއަރީ 2026 ގައި ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާއެކު، އެންމެ ފަހުން ބޭއްވި ލޯކަލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އެ ރަށުގެ ކައުންސިލް އުވާލައްވާފައެވެ.