ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އިމަޖެންސީ ރޫމް (އީ.އާރު) ގެ ފްރެޝްއެއަރ ސިސްޓަމް ރިލޮކޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ ތަނުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ކޭއާރުއެޗުން މިއަދު ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ އީ.އާރުގެ ފްރެޝްއެއަރ ސިސްޓަމްގެ ރިލޮކޭޝަން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، މަސައްކަތް އެއްކޮށް ނިމެންދެން އީ.އާރުގެ ފިނިހޫނުމިނުގެ ތަފާތުތަކެއް ފާހަގަކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފަވެއެވެ.
މި މަސައްކަތަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރަމުން، މި ދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށްޓަކައި ހޮސްޕިޓަލުން ވަނީ މައާފަށް އެދިފައެވެ.
"މި ކަމުގައި ދިމާވެދާނެ ދަތިތަކަށް ޚިދުމަތް ހޯދާ ބަލިމީހުންނާއި ބަލިމީހުންގެ އާއިލާގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ،" ކޭއާރުއެޗުން ބުނެފައިވެއެވެ.
ކޭއާރު އެޗަކީ އިތުރުގެ މައި ހޮސްޕިޓަލެވެ. އަދި އެއީ އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ރީޖަނަލް ހޮސްޕިޓަލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!