ހއ. ހޯރަފުއްޓަށާއި، އެމްޓީސީސީއަށް ދިގު މުއްދަތަކަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހއ. ހޯރަފުށީ، ޕްރިމްރޯޒް، މުޙައްމަދު ޙަމީދު މިއަދު ނިޔާވެއްޖެއެވެ.

ޙަމީދު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 54 އަހަރެވެ.

Ad
rt

މަރްޙޫމް މުޙައްމަދު ޙަމީދަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމުގައިވާ އެމްޓީސީސީގައި ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ނިޔާވިއިރު ޙަމީދު ހުންނެވީ އެމްޓީސީސީ ހޯރަފުށީ ސައިޓްގެ ސީނިއަރ ސައިޓް މެނޭޖަރުގެ މަޤާމުގައެވެ.

ހަމީދު ވަނީ ހޯރަފުށީގެ އިތުރުން ވެސް އެކި ރަށްރަށުގައި އެމްޓީސީސީން ހިންގި ކާމިޔާބު މަޝްރޫޢުތައް ނިންމުމުގައި ވަރަށް އިސް ދައުރެއް އަދާރަށްވާފައެވެ.

ޙަމީދަކީ ދީނީ ކަންކަމަށް ފަރުވާތެރިވާ، އަދި އެންމެންނާވެސް ގުޅޭ ހެޔޮލަފާ ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. މަސައްކަތުގެ ދާއިރާގެ އިތުރުން، އިޖުތިމާޢީ ގޮތުން ރަށު ފެންވަރުގައި ހިންގުނު އެކިއެކި ހަރަކާތްތަކުގައިވެސް ޙަމީދަކީ އަބަދުވެސް އެހީތެރިކަމުގެ އަތް ދިއްކުރެއްވި، ރަށުގެ ކުރިއެރުމަށް ނުހަނު ލޯބިކުރެއްވި ބޭފުޅެއްކަން ހޯރަފުށީގެ ރައްޔިތުން ފާހަގަކުރެއެވެ.

ޙަމީދު ވަކިވެދިޔުމަކީ ހޯރަފުއްޓަށާއި، އެމްޓީސީސީގެ ޢާއިލާއަށް އަދި މުޅި މުޖުތަމަޢަށްވެސް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ހިތްދަތި ވަގުތުގައި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ގިނަ ބަޔަކު ދަނީ ދުޢާކުރަމުންނެވެ.

މަރްޙޫމްގެ ކަށުނަމާދު އޮންނާނީ މިރޭ 22:30 ގައި ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.