މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރު އިޤުތިޞާދު އަލުން އިއާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ.
އައި.އެމް.އެފް އިން މިހެން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ ހާލަތު ބެލުމަށްފަހު ނެރުނު ވަގުތީ ރިޕޯޓުގައެވެ.
މި ރިޕޯޓުގައިވާ ގޮތުން، ރާއްޖެއިން ބޭރުގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރިއާއި މާލީ އެއްބަސްވުންތައް ޤާއިމުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަން އެ ފަންޑުން ފާހަގަކުރެއެވެ.
އައި.އެމް.އެފް އިން ފާހަގަކުރި ގޮތުގައި، ރާއްޖެއިން ޤާއިމުކުރަމުންދާ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ވަކި މާކެޓުތަކަކަށް ބަރޯސާވުން ކުޑަވެ، އިޤުތިޞާދީ ހަރަކާތްތައް ފުޅާވުމަށް ފުރުޞަތު ލިބިގެންދާނެއެވެ. ނަމަވެސް، ދެމެހެއްޓެނިވި ކުރިއެރުމަކަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ އިތުރުން ގަވަރނަންސް ހަރުދަނާކުރުމަށް އިޞްލާޙީ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެ ފަންޑުން ބުނެއެވެ.
މީގެ އިތުރުން، ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކެއް އެޅުމަށް އައި.އެމް.އެފް އިން ވަނީ ލަފާދީފައެވެ. 2026 ވަނަ އަހަރު އިޤުތިޞާދީ ކުރިއެރުން މަޑުޖެހުނު ނަމަވެސް، 2027 އިން ފެށިގެން އިޤުތިޞާދު އަލުން އިއާދަވާން ފަށާނެ ކަމުގެ އުންމީދު ބޮޑެވެ.
މީގެ އިތުރުން އެ ފަންޑުން ލަފާކުރާ ގޮތުގައި މެދު ރާސްތާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ގާތްގަނޑަކަށް 4 އިންސައްތައިގައި ހުންނާނެއެވެ.
އައި.އެމް.އެފްގެ މި ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތުގައި، ދައުލަތުގެ މުހިންމު އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު، އެމް.އެމް.އޭ ގެ ގަވަރުނަރ އަޙްމަދު މުނައްވަރު، އަދި ސަރުކާރުގެ އެހެނިހެން އިސްވެރިން ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ދާއިރާގެ މަންދޫބުންނާ ބައްދަލުކޮށް ރާއްޖޭގެ އިޤުތިޞާދީ ހާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!