ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮން ޝިއަންހު ހއ. ބާރަށަށް ޒިޔާރަތެއް ކުރެއްވުމަށް އެރަށު ކައުންސިލުން ރަސްމީކޮށް ދައުވަތު އަރުވައިފިއެވެ.
މި ދައުވަތު އަރުވާފައިވަނީ ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް، ޗައިނާ ސަފީރާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ވިދާޅުވީ، ޗައިނާ ސަފީރާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ބާރަށުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މި ބައްދަލުވުމުގައި ބާރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނުކަން ކައުންސިލުން ފާހަގަކުރެއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ލިބުނު އެންމެ އުފާވެރި އެއް ޚަބަރަކީ، ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ މަގު ބައްތިތަކުގެ ތެރެއިން ބައެއް، ދިވެހި ސަރުކާރު މެދުވެރިކޮށް ބާރަށަށް ހަދިޔާކުރުމަށް ނިންމެވި ޚަބަރުކަމަށް ސަމީމް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެންގެ ރައްޔިތުންނާއި ޗައިނާގެ ރައްޔިތުންގެ ގުޅުމުގެ ރަމްޒެއް" އޭނާ ވިދާޅުވެފަވެއެވެ.
ސަމީމް ވިދާޅުވިގޮތުގައި ސަފީރު ބާރަށަށް ވަޑައިގަތުމަށް އެރުވި ދައުވަތު އެމަނިކުފާނު ވަނީ އުފަލާއެކު ގަބޫލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަސޭހަފުޅު ތާރީޚެއްގައި ބާރަށަށް ޒިޔާރަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކައުންސިލްގެ ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި މެންބަރު ޝުޖާޢު ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮން ޝިއަންހު މީގެ ކުރިން ވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރަށްވާފައެވެ. އޭނާ އަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ މަންޒަރުތައް ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ޕޯސްޓްކުރަށްވާ ތައުރީފް ކުރަށްވާ ބޭފުޅެކެވެ.
ބާރަށަކީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދުގެ ތާރީޚާއި ގުޅިފައިވާ ތާރީޚީ މުހިންމު ހަނދާންތަކެއް އެކުލެވިގެންވާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!