ހދ. ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.

މިކަމަށްޓަކައި ވައިކަރަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި، ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި މަސައްކަތުގެ ކޮންޓްރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ވައިކަރަދޫ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، އެ ރަށުގައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އެ ރަށުގައި ގާއިމުވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

މީގެ އިތުރުން، ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސްޓޭޝަނުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފެށިއިރު، އެ އަތޮޅު ފިނޭގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން އިއްޔެ ވަނީ ރަސްމީކޮށް ހުޅުވާފައެވެ.