މި ސަރުކާރުން އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، ނަމަވެސް ކުރީގެ އެމްޑީޕީ ސަރުކާރުން ދިވެހިންގެ ލޮލަށް ފަރުވާކުރަން ޑޮކްޓަރުން ގެންނަން އުޅުނީ ވެސް އިޒްރޭލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
d

ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އަބަދުވެސް ދިވެހިން އިސްކުރުމުގެ ސިޔާސަތު ނުވަތަ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ. އަދި އެމަނިކުފާނުގެ ކުރިމަތީގައި އެންމެ އިސްވާނީ ދިވެހި ރައްޔިތުން ކަމަށާއި، މީގެ ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްފައިވަނީ ވަކި ގައުމެއް ބޭނުންވާ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ކުރިން ބައެއް ސަރުކާރުތަކުން ބޭނުންވުމުން ބޭރުގެ ގައުމުތަކާ ގުޅުން ކަނޑާލައި، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަކިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކިތަންމެ ކައިރި ގައުމެއްވިޔަސް، ކިތަންމެ ދުރު ގައުމެއް ވިޔަސް ކިތަންމެ ކުޑަ ގައުމެއް ވިޔަސް، ހަމައެކަނި އަޅުގަނޑުމެން އިސްތިސްނާކޮށްފައި އޮންނާނީ އިޒްރޭލު" އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފަވެއެވެ.

''މި ސަރުކާރާއި ރުޅި ގައުމެއް ނޯންނާނެ، މިދެންނެވި ސިޔާސަތުގެ ދަށުން ކޮންމެ ގައުމަކުން ވެސް ދިވެހިންނަށް އެހީތެރިކަން ދޭނަމަ ދިވެހި ރައްޔިތުންގެ ތަރައްގީއަށް ސަޕޯޓްކުރާނަމަ އަޅުގަނޑުމެން އެ ގައުމުތަކާއި ގާތްވާނަން، ކިތަންމެ ކައިރި ގައުމެއްވިޔަސް، ކިތަންމެ ދުރު ގައުމެއް ވިޔަސް ކިތަންމެ ކުޑަ ގައުމެއް ވިޔަސް، ހަމައެކަނި އަޅުގަނޑުމެން އިސްތިސްނާކޮށްފައި އޮންނާނީ އިޒްރޭލު،'' ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން މާދުރު ނޫން މާޒީއެއްގައި އިޒްރޭލާ ގާތް ގުޅުމެއް ބާއްވަން އުޅުނުކަން ފާހަގަކުރައްވައި، މިގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ލޮލުގެ ފަރުވާއަށް ޑޮކްޓަރުން ގެނައުމާއި އިޒްރޭލުގެ އެއާލައިން ރާއްޖެއަށް އުދުހުމަށް މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

''ކުރީގެ ފެނިގެންގޮސްފައިވާނެ މާދުރުނޫން މަޒީގައި، އިޒްރޭލާއި ވަރަށް ގާތްވެގެން ދިޔަތަން، ގާތް ވެގެން ދިޔަ ވަރަކީ އަޅުގަނޑުމެން ލޮލަށް ފަރުވާކުރަން ޑޮކްޓަރުން ވެސް ގެންނަން އުޅުނީ އިޒްރޭލުން، އިޒްރޭލުގެ އެއާލައިން މިތަނަށް އުދުހުމަށް ހުރިހާ ކަމެއްވެސް ހިނގަމުންނޫންތޯ ދިޔައީ، އެހެންނަަމަވެސް ގައުމުދެކެ ލޯބިވާ ރައްޔިތުން ނުކުމެ އިހްތިޖާޖްކޮށްގެން އެކަން ހުއްޓުވަން ޖެހުނީ'' ރައީސް ވިދާޅުވެފަވެެެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީގެ އެ މަސައްކަތްތައް ހުއްޓުވަން ޖެހުނީ ގައުމުދެކެ ލޯބިވާ ރައްޔިތުން ނުކުމެ ކުރި އިހްތިޖާޖުތަކުގެ ސަބަބުން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އައުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި، އެއީ ގައުމު އިސްކުރުމުގެ ތަފާތު ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
df

މި ޖަލްސާގައި ރައީސް ވަނީ މި ސަރުކާރާ ރުޅި ގައުމެއް ނޯންނާނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ތަރައްގީއަށް އެހީތެރިކަންދޭ ކޮންމެ ގައުމަކާ ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެ ހުރިހާ ކަމެއްގައި ވެސް އެންމެ އިސްކަމެއް ދޭނީ ގައުމީ މަސްލަހަތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.