ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކާ ގުޅިގެން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ މަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވީ ޑިސެމްބަރު، 2022، ގަ އެވެ.
ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލާގައި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ އެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފަ އެވެ. އެހެންވެ, ދައުލަތުން ވަނީ އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ނިންމާލާފައިވާއިރު, އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފުރަތަމަ ދުވަހު އިއްވަން އެ ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އާރަށް މައްސަލާގައި ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ވަނީ މެދުކަނޑާލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!