ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިތުރުބުރުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާގޮތުގައި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން 4:00 އަށެވެ.

Ad
rt

މި އިންތިޚާބަށް ތިން ފޯޓެއް ބަހައްޓާފައިވާއިރު، އިންތިޚާބުގައި ވޯޓުލުން މީދޫގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ފޮށި ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލުގައެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން 14 މެއިގައި ކުރި ހުކުމާއި ގުޅިގެންނެވެ.

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަ ކުރިއިރު, 392 ވޯޓުން ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނީ 391 ވޯޓެވެ.

އެ މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އޭނާއަށް ލިބުނު ދެ ވޯޓެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހައި ކޯޓުން 14 މެއި 2026 ގައި ކުރި ހުކުމުގައިވަނީ ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެގޮތުން އެ ވޯޓުގައި ހެޔޮ ފާހަގައިގެ މަތިން ފަވާފައިވީ ނަމަވެސް އިތުރު ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ނެތުމުން އެއީ ސައްހަ ވޯޓެއް ކަމަށް ހުކުމުގައިވެ އެވެ. އެހެން ނަމަވެސް ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓުން ވަނީ ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގެން ނަތީޖާ އަލުން އިއުލާން ކުރަން އަންގައިފަ އެވެ. އެހެންކަމުން އެ ހުކުމާ އެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވީ އެވެ.

އެހެންކަމުން މިއަދުގެ ވޯޓު ނަގަމުން ދަނީ މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީއެންސީންގެ ކެންޑިޑޭޓް ސުހާ އިބްރާހިމާއި، އެމްޑީއޭ ކެންޑިޑޭޓްގެ މެދުގައެވެ.