މިއަދު ކުރިއަށް ދިޔަ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅިގެން، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓަށްވުރެ 62 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.
މި ނަތީޖާއަށް އިޝާރާތް ކުރައްވައި ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކުވެގެން ކުރެއްވި މަސައްކަތުން ތަފާތު ކުރެވުނީ އެންމެ 62 ވޯޓު ކަމަށެވެ. އަދި މިއީ އެ ބޭފުޅުންނަށް ލިބުނު ބޮޑު "ޝޮކެއް" ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނަތީޖާ ހޯއްދެވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބައި-އިލެކްޝަންތަކުގައި މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫން ކަމަށެވެ. އަދި ކޮމަންޑޫ އާއި ގުރައިދޫ ދާއިރާގެ އިންތިޚާބުތަކުގައި ދައުލަތުގެ ވަސީލަތްތައް އޮއްސާލި ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ނަތީޖާ ޕީއެންސީން ހޯއްދެވީ އާސަންދަ ނުވަތަ އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ރަށްރަށަށް އަރުވައިގެނެއް ނޫން. ވަޒީފާތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއްވެސް ނޫން،" ޝުޖާއު ލިޔުއްވާފައިވެއެވެ.
ތިރީގައި އެވަނީ 3 ރައީސުން އެކުވެގެން ބައި - އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ @MMuizzu އެކަނި ހޯއްދެވި ނަތީޖާ.ރަގަޅަށް ބައްލަވާ!ތަފާތު ކުރެވުނީ އެންމެ 62 ވޯޓް.
ރައީސް ޑރ @MMuizzu މިނަތީޖާ ހޯއްދެވީ MDP ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދަޢުލަތް ލޫޓުވާލި ގޮތަކަށް… pic.twitter.com/vNlVm1fIPD— Ibrahim Shujau (@IbrahimShujaau) June 6, 2026
އޭނާގެ ޕޯސްޓުގައި އިދިކޮޅު ތިން ރައީސުން އިންތިޚާބަށް ކުރެއްވި މަސައްކަތާއި ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ވަނީ އަޅާކިޔުއްވާފައެވެ. އެގޮތުން ރައީސް ޔާމީން ގޭގައި ކޯލް ސެންޓަރު ހައްދަވައިގެން ރައްޔިތުންނަށް ގުޅުއްވަން އިންނެވިއިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙް ތިއްބެވީ ހިތަދޫގައި ދޮރުން ދޮރަށް ހިނގުމުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ނަމަވެސް އެ ވަގުތު ރައީސް ޑރ. މުޢިއްޒު އަވަދިނެތި އުޅުއްވީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ކުރީގެ ތިން ރައީސުން ނެންގެވި ލޯނުތައް ދެއްކެވުމަށާއި ޤައުމުގެ އިޤްތިޞާދީ ރޭޓިން ރަނގަޅު ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްޕުޅުތަކުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ފޯރިގަދަ ބައި-އިލެކްޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!