ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ގޮތް ހުސްވެފައި އޮތް ޤައުމެއްގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ލީޑަރޝިޕް ނަގާނެ ޤައުމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕޮޑްކާސްޓްގައި ރައީސް ވަނީ ތިމާވެއްޓާ ގުޅޭގޮތުން އާންމު ރައްޔިތުން ފާޅުކުރި ބައެއް ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގެ ދަތިތަކާއި، ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ހިމެނެއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއް ނަމަވެސް، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް،" ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ކޮންމެ ރައްޔިތަކުވެސް އަމިއްލަ އިސްނެގުމުގެ މަތިން މި ހަރަކާތުގައި ބައިވެރިވުމަށް ބާރުއަޅުއްވާފައެވެ.