މި އަހަރުގެ ކުރީކޮޅު އީރާނާއި ދެކޮޅު ހަނގުރާމައަށް މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޕެންޓަގަންއިން ކުރިން ރިޕޯޓްކޮށްފައިވާ ވަރަށް ވުރެ މާ ނުރައްކާތެރި ހާދިސާއެއްކަން ސީއެންއެން އިން އާންމުކުރި ވީޑިއޯއަކުން ހާމަވެއްޖެއެވެ.
ބުރާސްފަތި ދުވަހު އާންމުވި މި ވީޑިއޯއިން ފެންނަ ގޮތުގައި، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑަށް ލިބިފައިވާ ގެއްލުންތައް ކުރިން ބުނި ވަރަށް ވުރެ ބޮޑެވެ.
މާޗް މަހު މި ހާދިސާ ހިނގުމުން އެމެރިކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ދެ ފަޅުވެރިއަކަށް ފުރާނައަށް ނުރައްކާނުވާ ވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި މަނަވަރުގެ އޮޕަރޭޝަންތަކަށް ބުރޫނާރާ ކަމަށްވެސް އޭރު ބުނެފައިވެއެވެ. ނަމަވެސް، ސީއެންއެންއިން ރިޕޯޓްކުރާ ގޮތުގައި އާ ވީޑިއޯއިން ފެންނަނީ މާ ބޮޑު ގެއްލުންތަކެކެވެ. އަދި މަނަވަރުގެ އަލިފާން ނިއްވާ ނިޒާމު މަސައްކަތް ނުކުރާ ކަމަށް ބައެއް މަސްދަރުތަކުން ވަނީ ބުނެފައެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައިވާ ގޮތުން، މި އަލިފާންގަނޑު ނިއްވާލުމަށް 30 ގަޑިއިރަށް ވުރެ ގިނަ ވަގުތު ނެގިއެވެ. މި ހާދިސާގެ ސަބަބުން 600 އަށް ވުރެ ގިނަ ސިފައިންގެ ނިދާ އެނދުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވިއެވެ. މީގެ އިތުރުން، ދެ މީހަކަށް ލިބުނު އަނިޔާގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެނދުތައް ގެއްލުނު ފަޅުވެރިން ނިދަމުންދަނީ ތަޅުންގަނޑާއި މޭޒުތަކުގެ މަތީގައެވެ. އަދި އަލިފާން ރޯވީ މަނަވަރުގެ މައި ލޯންޑްރީ ސަރަހައްދުގައި ކަމަށްވުމުން، ސިފައިންނަށް އެމީހުންގެ އަންނައުނު ދޮވުމަށްވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މީގެ އިތުރުން މަނަވަރުގައި ހުރި 650 ފާޚާނާގެ ނިޒާމަށްވެސް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވާ ކަމަށް ފަޅުވެރިން ބުނެފައިވެއެވެ.
ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑަކީ 4،500 ފަޅުވެރިންނާއި ފައިޓާ ޕައިލެޓުންނާއެކު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެ ސަރަހައްދަށް ފޮނުވާފައިވާ މަނަވަރެކެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މާޗް މަހު ބުނެފައިވަނީ މަނަވަރުގެ އިންޖީނުގެއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި، މަނަވަރުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!