މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބުނު މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި އެވެ.

މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ.

Ad
rt

އެ މައްސަލާގައި ހައި ކޯޓުން ނިންމީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށްފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އަމުރުކޮށްފައިވެ އެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ ރަޖިސްޓްރީކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްއިރު, އެ މައްސަލަ ކޯޓުގައި އޮތުމުން ވޭވަށު ކައުންސިލްގެ އެ މަގާމު އޮތީ ހުސްކޮށެވެ.