ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާ ހިނގިކަމުގެ މައުލޫމާތާއެކު މިލަންދޫގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ އެތަނުގައި ރޯވި އަލިފާން ނިއްވާލުމަށާއި، އެތަނުން ޑިންގީތަކާއި، އިންޖީނުތަކާއި އަދި ޑިންގީ ބަނުމަށް ބޭނުންކުރާ ތަކެތި ސަލާމަތްކުރުމަށް ހިތްވަރުގަދަ މަސައްކަތެއްކޮށްފައެވެ.

މިލަންދޫ އެއާޕޯޓް އަޅާ ސަރަހައްދާ ކައިރީގައި ހުންނަ "އާދަމްކޮއިބޭ" ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ލިބުނީ ރޭ 23:09 ކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިތަނުގައި ރޯވި އަލިފާން ނިއްވާލެވުނީ މެންދަމު 1:00 ހާއިރުއެވެ.

Ad
rt

މިތަނުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލައި، އެތަނުން މީހުންގެ މުދާ ސަލާމަތްކޮށްދިނުމަށް މިލަންދޫ ރައްޔިތުންގެ ސަފުތައްގުޅިގެން ފުލުހުންނާއެކު ކުރި ހިތްވަރުގަދަ މަސައްކަތް ސިފަކޮށްދެމުން މިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އާތިފް ވިދާޅުވެފައި ވަނީ ރޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުން ފެނިގެންދިޔައީ މިލަންދޫ ރައްޔިތުންގެ އެއްބައިވަންތަކަމާ، އެކުވެރިކަން ކަމަށެވެ.

މިލަންދޫ ފައިބަރ މަސައްކަތްކުރާ ތަނެއްގައިރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އާންމުންނާއި ފުލުހުން ގުޅިގެން ކުރަނީ، ފޮޓޯ: މުހައްމަދު އާތިފް

''އެމީހަކަށްވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަފުތައް ރުކުރުވާލި މަންޒަރު. އެއްޓީމެއްގެ ގޮތުގައި އެއްރޫހެއްގައި އެތަނުގައި ހުރި 30 ފޫޓް 25 ފޫޓްގެ ޑިންގީތަކާއި އިންޖީނުތައް ކުޑަ ވަގުތުކޮޅެއްތެރޭ ހަރުގޭން ނެރެ ވީހާވެސް ގިނަ ސާމާނު ސަލާމަތް ކުރުމުގައި އަވަދިނެތި އުޅުން މަންޒަރު. އަލިފާންގަނޑުތެރޭ އެއްޗެހިތަށް ފުރޮޅަމުން ފެންހޮޅިން ފެންޖަހަމުން ތެމިފޯވެގެން ޖެހިލުމެއް ނެތި ދެއްކި ހިތްވަރު. ފުލުހުންނާއި، ފަންނީ ބޭފުޅުންގެ ކޮމާންޑާއި މުވައްސަސާތަކާއި ރައްޔިތުން ގުޅިގެން ދެއްކި ނަމޫނާ'' އާތިފް ވިދާޅުވިއެވެ.

މިލަންދޫ ފައިބަރ މަސައްކަތްކުރާ ތަނުގައި ރޯވުމުން އާންމުންނާއި ފުލުހުން އެތަނުގައި ހުރި އެއްޗެހި ސަލާމަތްކުރުމަށް މަސައްކަތް ކުރަނީ، ފޮޓޯ: މުހައްމަދު އާތިފް

މިލަންދޫ ރައްޔިތުންނާއި ފުލުހުން މި ހިތްވަރުނުލީނަމަ އެތަނުގައި ހުރި ހުރިހައި އެއްޗެއް އަނދައި ދިޔައީހެވެ.

މިލަންދޫ ފައިބަރ މަސައްކަތްކުރާ ތަނެއްގައި ރޯވެފައި ވަނިކޮށް މީހަކު އެތަނުން ބެޓަރީއެއް ނެރެނީ، ފޮޓޯ: މުހައްމަދު އާތިފް

ފުލުހުން ބުނެފައިވާގޮތުގައި ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަންވަނީ އަނދައި ބޮޑެތިގެއްލުންތަކެއް ލިބިފައެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ބަޔަކު ކުރި ކަމަކުން ކަމެއް ނުވަތަ ކަރަންޓު ޝޯޓެއް ފަދަ މައްސަލައަކުން ކަމެއް އަދި ނޭނގެއެވެ. މި މައްސަލައިގެ ތަހްގީގު ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.