ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ބަދަލަކީ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލެކެވެ. އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ކޮމާންޑް ލެވެލްގައި 14 ދާއިރާއެއް
އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި ތަހުގީގުގެ ދާއިރާ، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. ކޮމާންޑް ލެވެލްގައި ހިމެނޭ 14 ބަޔަކީ:
- އޮފީސް އޮފް ދަ ކޮމިޝަނަރ
- ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
- ޕްރޮފެޝަނަލް ސްޓެންޑަރޑްސް
- ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
- އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- ފޮރެންސިކް ސަރވިސަސް
- ސެންޓްރަލް އިންވެސްޓިގޭޝަންސް
- މާލޭ ޕޮލިސް
- ހުޅުމާލޭ ޕޮލިސް
- ނޮދަން ޕޮލިސް
- ސަދަން ޕޮލިސް
- ސަރވިސް ޑިވެލޮޕްމަންޓ
- ސަރވިސް ސަޕޯޓް
- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
މީގެ ކުރިން ފުލުހުންގެ މުއައްސަސާ ހިންގަމުން އައީ 17 ކޮމާންޑެއްގެ މައްޗަށް ބެހިފައިވާ އޮނިގަނޑެއްގެ ދަށުންނެވެ. އެއީ 2021 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި އޮނިގަނޑެކެވެ.
މި އައު އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!