ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ކައިރީގައި ހުންނަ ފައިބަރު މަސައްކަތްކުރާ ތަނެއްގައެވެ.

Ad
rt

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑިންގީތަކެއް ހުރި ނަމަވެސް، ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ގިނަ ޑިންގީތަކެއް ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރަށް ނެރެފައެވެ. ނަމަވެސް، މި ހާދިސާގައި ބައެއް ޑިންގީގައި އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެރަށުން މައުލޫމާތުދިން މީހަކު ބުނިގޮތުގައި އެތަނަކީ ފައިބަރ މަސައްކަތްކުރާ ތަނަކަށްވުމުން، އަލިފާންގަނޑު އެހާ ބޮޑަށްހިފީ އެތަނުގައި ކެމިކަލް ވެސް ހުރުމުންކަމަށް ބެލެވެއެވެ. އަދި އެތަނުގައި އިންޖީނުތަކެއް ވެސް ހުރިކަމަށް އޭނާ ބުންޏެވެ.

މިލަންދޫން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އަލިފާންގަނޑު ރޭ ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް އެނގިފަވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ކަމާބެހޭ އިދާރާތަކުން މިހާދިސާއާއިގުޅޭގޮތުން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކައެވެ.