ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު މަޖިލީހުން ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ކަންކަން ތަންފީޒުކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި، ބައެއް އިސްލާހުތައް ގެންނަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ. އަދި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތަކީ އެންމެންނަށް ވާޞިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަކާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މިބިލުގައި ޓްރާންސްޕްލާންޓްކުރުމުގެ ޢާންމު އުސޫލު ވަނީ ހިމަނާފައެވެ. އެގޮތުން، މި ބިލުން ހުއްދަދެނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުމަށް ކަމަށާއި، ހަދިޔާކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތުގެ ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން، ބިލުން "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" ގެ ނަމުގައި ކަމާގުޅޭ ޚާއްޞަ ޑޮކްޓަރުންނާއި ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް ހިމެނޭހެން 9 މެންބަރުންގެ ކައުންސިލަކާއި، "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" ގެ ނަމުގައި 5 މެންބަރުންގެ ކޮމިޓީއެއް އުފައްދާނެއެވެ. ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލްގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ޚިދުމަތް ދިނުމަށް ހުއްދަ ދިނުމާއި ހުއްދަ ބާޠިލުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި، އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތް ކުރަމުންދޭތޯ ބެލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން، ޚިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނީވެސް މި ކައުންސިލުންނެވެ.
ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ޓްރާންސްޕްލާންޓްކުރުމަށް ހުއްދަ ދިނުމެވެ. މިކަންކަމުގެ އިތުރުން، އޮތޮރައިޒޭޝަން ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ޤާއިމުކޮށްފައިވާ "ކްލިނިކަލް ކޮމިޓީ" އާއި "އެތިކްސް ކޮމިޓީ" އިން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްވެސް މިބިލުގައި ހިމަނާފައިވެއެވެ.
އެގޮތުން، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމުގެ އިޖުރާއަތުތަކުގެ ތެރޭގައި، ބަލީގެ ޚާއްޞަ ޑޮކްޓަރު ޓްރާންސްޕްލާންޓްކުރަންޖެހޭކަމަށް ކަނޑައެޅުމުން ޓްރާންސްޕްލާންޓްކުރުމަށް ޞިއްޙީގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމާއި، ރުހުން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި ކަމާއި، ކަމާގުޅޭ އެންމެހައި ލިޔުންތައް ހޮސްޕިޓަލްގެ ކޮމިޓީން ބެލުން ހިމެނެއެވެ.އޭގެ އިތުރުން، ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތުގެ ލިޔެކިޔުންތަކާއި، ޞިއްޙީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަވުމުން ހުއްދައަށް އެދި އޮތޮރައިޒޭޝަން ކޮމިޓީއަށް ހުށަހެޅުމާއި، ހުއްދަ ދިނުމުގެ ކުރިން ލިޔުންތައް ބަލާ އަދި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށްގެން އޮތޮރައިޒޭޝަން ކޮމިޓީން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކޮށް ހުއްދަ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމުންވެސް އިޖުރާއަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައިވާ ގޮތުން، އޮތޮރައިޒޭޝަން ކޮމިޓީއިން ނިންމާ ނިންމުން ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް އަށް އެޕީލްކުރެވޭނެއެވެ.
ކުށާއި އަދަބު އަދި އިދާރީ ފިޔަވަޅުތަކުގެ ގޮތުގައި މިބިލުގައި ބައެއް ކަންކަން ހިމަނާ އަދަބު ކަނޑައަޅާފައިވެއެވެ. އެގޮތުން، މީހެއްގެ ރުހުންނެތި ޓްރާންސްޕްލާންޓްކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓްކުރުމާއި ޓްރާންސްޕްލާންޓްކުރުމަށްޓަކައި، މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން ކުށެއްގެ ގޮތުގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން، މަނާ ކަންކަމުގެ ގޮތުގައި ޓްރާންސްޕްލާންޓްކުރުމުގެ ލައިސަންސްނެތި ޚިދުމަތް ދިނުމާއި، ޞައްޙަނޫން މަޢުލޫމާތު ހުށަހެޅުމާއި، އެނޫން ކަންކަން ހިމަނައި އަދަބު ކަނޑައަޅާފައިވެއެވެ.
މިބިލަށް ޢަމަލުކުރަން ފަށާނީ މިބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންކަމަށް ބިލުގައި އޮތީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!